ބާޒާރުމަތީގައި ތަކެތީގެ އަގުބޮޑުވެ, ލުނބޯ ކިލޯއެއްގެ އަގު 130 ރުފިޔާއަށް އަރައިފިއެވެ.
މި އަހަރު ވެސް ތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. ޚާއްސަކޮށް ކާބޯތަކެތީގެ އަގު ބޮޑުވާކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.
މާރުކޭޓުގެ ގޮޅިއެއްގައި ތަރުކާރީއާއި މޭވާ ވިއްކަންއިން އާދަމް މޫސާ 'ސަން'އަށް ބުނީ، މި ދުވަސްވަރު ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގު ހުރީ "ރަނުގެ އަގުގައި" ކަމަށެވެ.
އެގޮތުން، އޭނާ ކިޔައިދިން އަގު ލިސްޓަަށް ބަލައިލާއިރު މިއަދު ބާޒާރުމަތީގައި ލުނބޯ ކިލޯއެއް އުޅެނީ 130 އާއި 125 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މީގެ ކުރިން ލުނބޯ ކިލޯއެއް ވިއްކަމުން އައީ 60 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ.
ލުނބޫތަކެއްގެ ފޮޓޯއެއް: މިހާރު ބާޒާރުގައި ލުނބޯގެ އަގު ވަނީ 130 ރުފިޔާއަށް އުފުލިފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ތަރުކާރީގެ ބާވަތްތަކަށް ބަލާލާއިރު ބާޒާރުގައި ކެރެޓް އުޅެނީ 35 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި، ކެބެޖެއް 50 ރުފިޔާއަށް އުޅޭއިރު ދިވެހީން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ކިއުކަމްބާ އުޅެނީ 40 އާއި 90 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މީގެ ކުރީން ބާޒާރުގައި ކެރެޓު އުޅުނީ 15 އާއި 20 ދެމެދުގެ އަގެއްގައެވެ. އަދި، ކެބެޖު 30 އާއި 35 ރުފިޔާއަށް އުޅުނުއިރު ކިއުކަމްބާ ވެސް އުޅުނީ 30 އާއި 35 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
އެހެން ބައެއް ބާވަތްތަކަށް ބަލާއިރު:
- ފިޔާކި ކިލޯއެއް: 15 ރުފިޔާ
- ޓޮމާޓޯ ކިލޯއެއް: 35 ރުފިޔާ
- ބެލްޕެޕާ: 60/ 75 ރުފިޔާ
- ކަނޑޫދޫ މިރުސް ކިލޯއެއް: 160 ރުފިޔާ
- ކުދި މިރުސް ކިލޯއެއް: 120 ރުފިޔާ
- ރަތް މިރުސް ކިލޯއެއް: 80 ރުފިޔާ
- ކޮޕީ ފަތް ބޮނޑިއެއް: 15 ރުފިޔާ
- ރާނބާފަތް: ފަސް ރުފިޔާ
- ހިކަނދިފަތް: 10 ރުފިޔާ
މި އަހަރުގެ ރޯދަމަހުގައި ބާޒާރުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން، ދުވާލެއްގެ މައްޗަށް ވިކުނީ 8000 ނުވަތަ 4000 ރުފިޔާގެ ތަކެތި ކަމަށް ބައެއް ވިޔަފާރިވެރީން އޭރު ބުންޏެވެ.
ތަކެތީގެ އަގުތައް ބޮޑުވާއިރު ވިޔަފާރިތައް ދަށްވާކަން ވެސް ހިސާބުތަކުން އެނގެއެވެ. މާލީ ހާލަތު ގޯސްވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ފިޗުން ވަނީ 'ސީސީ'ގައި ދަމަހައްޓައިފައެވެ. އެއީ، ދަރަނި ނުދެއްކުމުގެ ބިރު ބޮޑު ގައުމުތަކަށް ދޭ ރޭޓިންއެކެވެ.