ފައިސާ އިންވެސްޓުކޮށްގެން މަންފާ ހޯދާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އެކިއެކި ޕްލެޓްފޯމްތަކާއި އެހެނިހެން ސްކޭމްގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން މިއަދު ނިންމައިފިއެވެ.
މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުގައި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ ހުށަހެޅުއްވީ ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިރުހާނެވެ. އޭނާ ހުށަހެޅުއްވީ އެފަދަ މައްސަލަތަކުގައި ކަމާ ގުޅުން ހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް، މައްސަލަތައް ހިނގާފައިވާ ގޮތް ބެލުމަށެވެ.
އެ ވާހަކައަށް ބާރުދެއްވައި ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވީ، ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ ބަދަލުގައި މިހާރު އެންމެ އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ޖުވާ ކުޅުމުގެ ޕްލެޓްފޯމްތަކާއި، އެހެނިހެން ސްކޭމްތަކާ ގުޅުން ހުރި މައްސަލަތައް ވެސް ބަލަންޖެހޭ ކަމަށެވެ.
"ޕިރަމިޑް ސްކީމްތައް އެކަންޏެއް ނޫން. ރާއްޖޭގައި ސޯޝަލް މީޑިއާގައި އެކި ގޮތް ގޮތަށް ސްކޭމްތައް އެބަ ހިންގާ،" އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކުގެ ތަފުސީލު ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކުރުމަކީ މުހިންމު ކަމެކެވެ.
އެހެންވެ، އެ ކޮމިޓީން މިއަދު ނިންމީ މަޖިލީހުން އެފަދަ މައްސަލަތައް ބެލުމަށެވެ.
މިއަދު ބޭއްވި މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ ބައްދަލުވުން -- ފޮޓޯ/ މަޖިލިސް
މަޖިލީހުން އެފަދަ މައްސަލަތައް ބަލަން ނިންމިއިރު މި ފަހުން އެންމެ ހޫނުވި އެއް މައްސަލައަކީ ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ޕިރަމިޑް ސްކީމްގެ މައްސަލައެވެ. އެ ސްކީމުން ފައިސާ ނެގޭނެ ގޮތެއް ނެތިފައި ވަނިކޮށް އެ ސްކީމް ހުއްޓާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެ ސްކީމަށް 41،500 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައިވެއެވެ.
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތި ދެއްވަމުން މީގެ ކުރިން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ޖެމްކިއުއަށް ދިވެހީން މިލިއަނުން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދައިދެވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. ސަބަބަކީ މިއީ ބޭންކިން ނިޒާމުގެ ބޭރުން ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް ހިންގާ ސްކީމަކަށް ވުމުންނެވެ.
މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.
ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބައޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.
ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އާ މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެ ގޮތުން، ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އާ މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.