ކައުންސިލަރުންގެ އަދަދު މަދުކޮށް، މުސާރައާއި އިނާޔަތްތައް އާބާދީއާ އެކަށީގެންވާ ވަރަށް ކުޑަކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ހޯދުމަށް މަޖިލީހަށް ހުށަހެޅި ގަރާރަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ގަރާރަށް އާންމުންނަށް ޚިޔާލު ހުށަހެޅޭނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ.
އެގޮތުން، ހިޔާލު ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެއިލް މެދުވެރިކޮށެވެ.
އެ ގަރާރުގައި ކައުންސިލަރުންގެ އަދަދުތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ ޚަރަދު ބޮޑުވެ، އިގްތިސޯދުކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާންކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޮންމެ ރަށަކުން މަދުވެގެން ފަސް ކައުންސިލަރުން ތިބެން ލާޒިމުކޮށްފައި އޮތް އޮތުން ރަނގަޅުތޯ ސުވާލުއުފައްދާފައިވެއެވެ.
ފާއިތުވި 15 އަހަރުތެރޭ ލޯކަލް ކައުންސިލްގެ ހަތަރު އިންތިޚާބެއް ބާއްވައި، އެތައް ހާސް ކައުންސިލަރުންނެއް އިންތިޚާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އެ ނިޒާމަށް ޚަރަދުކުރި ނަމަވެސް އެ ނިޒާމުގެ ސަބަބުން ރަށްތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތްކަން ވަނީ ގަރާރުގައި ފާހަގަކޮށްފައެވެ. ޚާއްސަކޮށް އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އޮންނަ ކަމަށް ބުނެފައިވެއެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. އެގޮތުން، ކައުންސިލްތަކުގައި ފުލްޓައިމްކޮށް ޚިދުމަތްކުރާން ކައުންސިލުގެ ރައީސާއި، ނައިބު ރައީސް އެކަނި ތިބޭ ގޮތަށް ކަނޑައަޅައި، ބާކީ ކައުންސިލަރުންނަކީ ޕާޓްޓައިމް މެންބަރުންނަށް ހެދުމަކީ އެ މަނިކުފާނު ހުށަހަޅުއްވާ ޚިޔާލުކަމުގައި ވަނީ ވިދާޅުވެފައެވެ.
އަދި ރަށްރަށުގެ އާބާދީ 3،000 މީހުންނަށްވުރެ ގިނަ ނޫންނަމަ ތިން ކައުންސިލަރުން އިންތިޚާބުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.