ނަޝީދުގެ އެނބުރި އައުން: ޞާލިޙް ޖަލްސާއަށް ވަޑައިނުގަންނަވާ

އެމްޑީޕީގެ ޖަލްސާއެއްގައި ޞާލިހާއި ނަޝީދު: މިރޭގެ ޖަލްސާއަށް ޞާލިޙް ވަޑައިނުގަންނަވާ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން މިރޭ ސަލްޓަން ޕާކުގައި ކުރިއަށްދާ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިނުގަންނަވާކަން އެނގިއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޞާލިޙް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ޞާލިޙް މި ޖަލްސާގައި ބައިވެރިވެ ވަޑައިނުގެން ނަމަވެސް، އެމްޑީޕީގެ ލީޑަރުންނާއި މަޖިލިސް މެމްބަރުން އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ނަޝީދު ގުޅިވަޑައިގަންނަވަން ޖަލްސާ ބާއްވަން އުޅެނިކޮށް ރޭ ޞާލިޙް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ. ދެ ބޭފުޅުންގެ މެދުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަވެރިކަން ބޮޑުވިއެވެ.

މި ވާދަވެރިކަމާ ޚިޔާލުތަފާތުވުންތަކުގައި ދެ ބޭފުޅުންގެ ގާތް ގުޅުން ކެނޑި އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.

އޭރު، ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ޞާލިޙްގެ ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.

އޭރު އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައިފައެވެ.

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު ވަނީ ފައްޔާޒާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމަށް ފަހު ޑިމޮކްރެޓްސްއިން މިދިޔަ އަންގާރަ ދުވަހު ވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވީ އެ ބައްދަލުވުމަށް ފަހުއެވެ.

މި ނިންމުމާ ގުޅިގެން އެމްޑީޕީން ވެސް ވަނީ ބުދަ ދުވަހުގެ ރޭ ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވެސް އިއްތިފާގުވީ ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔުމަށެވެ.

މިވަގުތު އެމްޑީޕީގެ އެތެރޭގައި ވަނީ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ވެސް ވަރަށް ބޮޑުވެފައެވެ. އެގޮތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ފާޅުގައި އިއުލާނު ނުކުރެއްވި ނަމަވެސް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރިޔާސީ ޓިކެޓަށް ކެމްޕެއިންކުރައްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2018ވަނަ އަހަރުގެ އިންތިޚާބުގައި ޞާލިޙް ވާދަކުރެއްވީ ވެސް ނަޝީދަށް އެ އިންތިޚާބުގައި ވާދަ ނުކުރެވުމުން ނަޝީދުގެ ބަދަލުގައެވެ.

comment ކޮމެންޓް