މި ހުންނެވީ އެނބުރި ވަޑައިގެން 'ގޭގައި' ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް އެނބުރި އެމްޑީޕީއަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަކިވެވަޑައިގެންތާ ދެ އަހަރެއްހައި ދުވަސް ފަހުން އެ މަނިކުފާނު މިރޭ ވަނީ އެނބުރި އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.
އެ މަނިކުފާނާއި ޑިމޮކްރެޓްސްގެ ލީޑާޝިޕު އެނބުރި ވަޑައިގަތުމުން މަރުހަބާ ކިޔަން މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ދެ އަހަރު ފަހުން އަލުން އެނބުރި އެމްޑީޕީގެ ޕޯޑިއަމްގައި ހުންނަވާ ނަޝީދު ވިދާޅުވީ، މިރޭ އެ މަނިކުފާނަށް ކުރެއްވެނީ އެނބުރި ގެއަށް އާދެވުމުން ކުރެވޭ ފޮނި އިހުސާސް ކަމަށެވެ.
"އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ،" ގިނަ ދުވަސްތަކެއްވަންދެން އެ މަނިކުފާނު ރައީސްކަން ކުރެއްވި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވަމުން އަސަރާ އެކު ވިދާޅުވިއެވެ.

އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވުމަށް ފަހު ނަޝީދު އެ ޕާޓީގެ ޕޯޑިއަމްގައި ވިދާޅުވީ، މި ހުންނެވީ އެނބުރި ގޭގައި ކަމަށް --- ސަން ފޮޓޯ/ މާސާ ނަދީމް
އެ މަނިކުފާނު ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އަދި، އެ އިންތިޚާބުން ރައީސް މުއިއްޒާއި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް އެ މަނިކުފާނު ވަނީ ހިސާބު ޖައްސަވައިފައެވެ.
"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، 20 އިންސައްތަ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، 2008 ވަނަ އަހަރު ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ގޮތުގައި އިންތިޚާބުވި ނަޝީދު ވަނީ ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ ގޮތުން، އެ މަނިކުފާނު ވަނީ މި އަހަރާއި އަންނަ އަހަރު ދައްކަން ހުރި ދަރަނިތައް އަދައިކުރެވޭ މިންވަރަށް ދައުލަތުގެ ޚަޒާނާގައި ފައިސާ ހުރިތޯ ސުވާލު އުފައްދަވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އިންތިހާއަށް ބޮޑުވެފައި އޮތް ދަރަނި ކަމަށެވެ.
"އަޅުގަނޑުގެ ހަނދާނަށް އެބަ އާދޭ، 50 ޕަސެންޓަށް ދަރަނި އެރީމާ އެއީ ކަންބޮޑުވާން ޖެހުނު ކަމެއް ގޮތުގައި އަޅުގަނޑުމެން 2009 ވަނަ އަހަރު ދުށިން،" މިހާރު އެ ނިސްބަތް 114 އިންސައްތައަށް އަރާފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދާއި ޑިމޮކްރެޓްސްއަށް މަރުަހބާ ކިޔަން އެމްޑީޕީން މިރޭ ބޭއްވި ޖަލްސާ: އެމްޑީޕީން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
ނަޝީދު ވިދާޅުވީ، އާންމު މީހާގެ އާންމު ހާލަތަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެކަމުގެ ސަބަބުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ޑޮލަރުގެ އަގު 19.40 އިން މައްޗަށް އެރީ ވެސް އެހެންވެ ކަމަށެވެ. އެ ބަދަލާ އެކު ފިޔާ ކިލޯއާއި އެ ނޫން ވެސް ޒަރޫރީ ކާނާ އަގުބޮޑުވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ހުރިހާ ކަމެއްގެ ސަބަބުން އާންމު މީހާ ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
"ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް މަސައްކަތަކީ ރައްޔިތުންނަށް މި މައުލޫމާތު ހުށަހަޅައިދިނުން. ވަމުންދާ ގޮތް އޮޅުންފިލުވައިދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އިއްޔެގައި ބާޒާރަށް 300 ރުފިޔާ ހިފައިގެން ނުކުތްއިރު ފަރުޖެހުނޭ. މިއަދު 500 ރުފިޔާއިން ވެސް ނުވޭ. ތީގެން އެއްވެސް ބޭފުޅެއްގެ މުސާރައަށް ބަދަލެއް އައީއެއް ނޫން،"
ނަޝީދު ވިދާޅުވީ، މި ސަރުކާރުން އެއްވެސް މަޝްރޫއެއް ވެސް ނުހިންގާ ކަމަށާއި ހަމައެކަނި ކުރައްވާ ކަމަކީ މީހުންނަށް މުސާރަ ދިނުން ކަމަށެވެ. އިގުތިސާދު ކުރިއަރުވަން ވެސް ކަމެއް ނުކުރައްވާތީ އެ ކަމުގެ ކަންބޮޑުވުން އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
އިގުތިސާދީ ކަންކަމަށް އަލިއަޅުވައިލުމަށް ފަހު ނަޝީދު ވަނީ އަބަދު ވެސް އެމްޑީޕީއަށް ކާމިޔާބަށް އެދޭނެކަން ފާހަގަކުރައްވައި އެ ޕާޓީގެ ލީޑާޝިޕަށް ޝުކުރު އަދައިކުރައްވައިފައެވެ. ޚާއްސަކޮށް، މި ފަހުން އެ މަނިކުފާނާ ގާތްކޮށް މަސައްކަތްކުރެއްވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ނަން ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ވިދާޅުވީ، މުޅި ހަޔާތް ހޭދަކުރެއްވީ އެމްޑީޕީއަށްޓަކައި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.
އޭރު އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައިފައެވެ. އެ ޕާޓީގެ ރައީސަކަށް ފުރަތަމަ ހުންނެވީ ހަސަން ލަތީފެވެ. ނައިބު ރައީސަކަށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޝިފާޒް (ޝިއްޕެ)އެވެ.
އެމްޑީޕީއަށް ފާޑުކިޔުމަށް ފަހު ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކޮށްފައެވެ. އެކަމަކު، އެ ޕާޓީއަށް ލިބުނީ އެންމެ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ. އޭގެ ފަހުން، އެ މަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް ކަމަށްވާ ހަސަން ލަތީފާއި ޝިފާޒްގެ އިތުރުން ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ފުރަތަމަ ހުންނެވި އަލީ އާޒިމް ވަނީ ކުއްލިއަކަށް އެކީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.
އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތީ ނަޝީދު އަންގަވައިގެން ކަމަށް ތުހުމަތުކުރެވިފައި އޮއްވައި އެ ދުވަހު އެ މަނިކުފާނު ވަނީ 'އެމްޑީޕީއަކީ ދަރިއެއް'ފަދަ ޕާޓީއެއް ކަމަށް ވިދާޅުވެ، ދެ ޕާޓީއަށް ވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން އިއްޔެ ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު މިއަދު ޑިމޮކްރެޓްސްއިން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން ނިންމައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ފައްޔާޒާއި ނަޝީދުގެ ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.