މުޅި ހަޔާތް ހޭދަކުރެއްވީ އެމްޑީޕީއަށްޓަކައި ކަމަށާއި އަބަދު ވެސް އެންމެ އެދެނީ އެ ޕާޓީއަށް ކާމިޔާބީއަށް ކަމަށް އެނބުރި އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާދެއްވައި ނަޝީދު ވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފައެވެ. އެ ޕާޓީ އުފެއްދަވަން ބޭއްވި ޖަލްސާގައި "އެމްޑީޕީ ރުޅާލާނެ" ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
އޭގެ ދެ އަހަރު ފަހުން އެ މަނިކުފާނު ވަނީ މިރޭ އެނބުރި އެމްޑީޕީގެ ޕޯޑިއަމްގައި ހުއްޓިވަޑައިގެންފައެވެ. ގިނަ ދުވަސްތަކެއްވަންދެން އެ މަނިކުފާނު ރައީސްކަން ކުރެއްވި ޕާޓީގެ ސަޕޯޓަރުންނަށް މުޚާތަބުކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މުޅި ހަޔާތް ހޭދަކުރެއްވީ އެމްޑީޕީއަށްޓަކައި ކަމަށެވެ. އަބަދު ވެސް އެންމެ އެދެނީ އެ ޕާޓީއަށް ކާމީޔާބީއަށް ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
"އެމްޑީޕީއަކީ ހަމައެކަނި ހުރިހާ ކަނޑަކަށް ހެޔޮވަރު ޕާޓީއެއް. މި ނޫން ޕާޓީއެއް ގައުމެއް ބަދަލުކޮށްލާކަށް، ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ސަޕޯޓަރުންނާ އެކު: އެ މަނިކުފާނު ވިދާޅުވީ، މުޅި ހަޔާތް ހޭދަކުރެއްވީ އެމްޑީޕީއަށްޓަކައި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ނަޝީދު ވިދާޅުވީ، މިރޭ ކުރެއްވެނީ އެނބުރި 'ގެއަށް' ވަޑައިގެންނެވުމުން ކުރެއްވޭ އިހުސާސް ކަމަށެވެ.
"އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ،" ހިނިތުންވެވަޑައިގެން ސަޕޯޓަރުންނަށް އެ މަނިކުފާނު އިހުސާސްތައް ވިދާޅުވެދެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އަބަދު ވެސް އެންމެ މުހިންމު އަމާޒަކީ ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމު ފުރިހަމަކުރުން ކަމަށެވެ. ރައްޔިތުންނަށް ހެޔޮ، ރަނގަޅު ވެރިކަމެއް ކޮށްދެވޭނެ އެންމެ ރަނގަޅު ނިޒާމަކީ އެއީ ކަމަށާއި އެ މަގުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
މިދިޔަ އެމްޑީޕީގެ ދިގު މާޒީގައި އެންމެ ބޮޑު ނުފޫޒެއް އެ ޕާޓީގައި އޮތް ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރެއްވީ އެ ޕާޓީގެ ހައްގުގައި ކަމަށެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ މި ޕާޓީއަށް ކާމިޔާބުވުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ޓެކްސްގެ ނިޒާމު ތައާރަފުކުރެއްވި ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ޖީބަށް އެއްޗެއް ލިބޭނެ ގޮތެއް ހޯދައިދިނުމަކީ އެ ޕާޓީގެ އަބަދު ވެސް އަމާޒު ކަމަށެވެ.
ދިވެހީންނަށް ދިވެހިރާއްޖެ އަލުން އަނބުރައި ހޯދައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައިދީ، އެ މީހުންގެ ހަޔާތް ފަސޭހަކޮށްދީ، އެ މީހުންގެ ކަންކަން ރަނގަޅުކުރަން އެމްޑީޕީއާއި އެ ޕާޓީގެ ލީޑަރުން ކުރަނީ މާތް މަގުސަދެއްގައި ކުރާ މާތް މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަނިކުފާނު ވަނީ ދަރަނީގެ މައްސަލައަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އަދި، ޖުމުލަ ގޮތެއްގައި އިގުތިސާދު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ މައްޗަށް އެ މަނިކުފާނު ވާހަކަފުޅުދެއްވިއެވެ.
ނަޝީދު ވިދާޅުވީ، މި ވަގުތު އެންމެ މުހިންމު އެއް އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ. އެ އިންތިޚާބުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީއަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް އެ މަނިކުފާނު ހިސާބުޖެއްސެވިއެވެ.

މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.
އޭރު އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައިފައެވެ. އެ ޕާޓީގެ ރައީސަކަށް ފުރަތަމަ ހުންނެވީ ހަސަން ލަތީފެވެ. ނައިބު ރައީސަކަށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޝިފާޒް (ޝިއްޕެ)އެވެ.
އެމްޑީޕީއަށް ފާޑުކިޔުމަށް ފަހު ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކޮށްފައެވެ. އެކަމަކު، އެ ޕާޓީއަށް ލިބުނީ އެންމެ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ. އޭގެ ފަހުން، އެ މަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް ކަމަށްވާ ހަސަން ލަތީފާއި ޝިފާޒްގެ އިތުރުން ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ފުރަތަމަ ހުންނެވި އަލީ އާޒިމް ވަނީ ކުއްލިއަކަށް އެކީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.
އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތީ ނަޝީދު އަންގަވައިގެން ކަމަށް ތުހުމަތުކުރެވިފައި އޮއްވައި އެ ދުވަހު އެ މަނިކުފާނު ވަނީ 'އެމްޑީޕީއަކީ ދަރިއެއް'ފަދަ ޕާޓީއެއް ކަމަށް ވިދާޅުވެ، ދެ ޕާޓީއަށް ވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން އިއްޔެ ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު މިއަދު ޑިމޮކްރެޓްސްއިން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން ނިންމައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ފައްޔާޒާއި ނަޝީދުގެ ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.