ސޮނާކްޝީއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ބޭބެ ކުޝް ބުނެފި

ބަތަލާ ސޮނާކްޝީގެ ބޭބެ ކުޝް، އަދި ފިރިމީހާ ޒަހީރުއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބަތަލާ ސޮނާކްޝީއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ކޮއްކޮގެ ކައިވެނީގެ ހަފްލާގައި ބައިވެރިނުވާ ކަމަށް ދެކެވެމުންދާ ވާހަކަތަކަށް ސޮނާކްޝީގެ ބޭބެ ކުޝް ސިންހާ ރައްދުދީފިއެވެ.

ކެރިއަރުގައި ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "ނިކިތާ ރޯއި"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ކުޝް ބުނީ، ސޮނާކްޝީގެ ކައިވެންޏަށް ހާޒިރުނުވާ ކަމަށް ބުނެ އެކި ގޮތްގޮތަށް އޭރު ވާހަކަތައް ދެކެވުނު ކަމަށެވެ.

އެހެންނަމަވެސް އެއީ މުޅިން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ކުޝް ވަނީ ބުނެފައެވެ. ސޮނާކްޝީގެ ކައިވެނި ކުރެވުނު ދުވަހު އެތަނުގައި އޭނާ ހާޒިރުވެ ހުރި ކަމަށާއި ކޮންމެ ކަހަލަ މައްސަލަތަކެއް ދެ މީހުންގެ މެދުގައި ކުރިން ޖެހިފައިވީ ނަމަވެސް ސޮނާކްޝީ އަކީ އޭނާގެ ކޮއްކޮއަށް ވެފައި ކޮއްކޮގެ ލޯތްބަށާއި ހަޔާތަށް އަންނަ މީހަކަށް ކުޝް އިހުތިރާމުކުރާ ކަމަށް ވަނީ ބުނެފައެވެ.

ސޮނާކްޝީ ސިންހާ އާއިލާއާ އެކު--ފޮޓޯ/ހިންދުސްތާންޓައިމްސް

ފިލްމު އިންޑަސްޓްރީއަށް އެކްޓަރެއްގެ ގޮތުގައި ވެސް ތައާރަފްވެފައިވާ ކުޝް ބުނީ، އިންޓަނެޓުގައި ކުރާ ޓްރޯލްތަކަށް އެއްވެސް ސަމާލުކަމެއް އޭނާ ނުދޭ ކަމަށެވެ. އެފަދަ ގިނަ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކަށްވާއިރު އެކަހަލަ ޚަބަރު ފަތުރާ މީހުންނަށް ރައްދު ދިނުމަކީ ވެސް މުހިއްމު ކަމެއް ނޫން ކަމަށް ކުޝް ވަނީ ބުނެފައެވެ.

ކުޝް އަކީ ސޮނާކްޝީއަށް ވުރެ އުމުރުން ދޮށި މީހެކެވެ. ކުޝް އަކީ ކުރީގެ އެކްޓަރު ސަތަރޭއަށް ލިބުނު ތިން ކުދިންގެ ތެރެއިން އެއްމާބަނޑު ލަވް ސިންގްހާގެ ޓުވިން ބޭބެއެވެ.

ސޮނާކްޝީ އާއި ފިރިމީހާ ޒަހީރު އިގްބާލްގެ ކައިވެންޏާ ބަތަލާގެ އާއިލާއިން ދެކޮޅު ހެދި ކަމަށް އިންޑިއާގެ ވަރަށް ގިނަ މީޑިއާތަކުން ބުނަމުންދިޔައިރު އޭގެ ސަބަބެއް ކަމަށް ގިނަބަޔަކު ބުނެފައި ވަނީ ޒަހީރަކީ މުސްލިމު އާއިލާއަކަށް ނިސްބަތްވާ މީހަކަށްވާތީ ދެ މީހުންގެ ގުޅުމާ އާއިލާއިން އެހާބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ.

ނަމަވެސް އެކްޓަރު ޝަތުރުގަން ސިންހާ ވަނީ އެއީ އެއްވެސް އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި ސޮނާކްޝީގެ އުފަލާއި ހިތްހަމަޖެހުމަކީ އެ މީހުންނަށް އެންމެ މުހިއްމު އެއް ކަންތައް ކަމަށް ބުނެ މީޑިއާތަކުން ފެތުރި ޚަބަރުތައް ދޮގުކޮށްފައެވެ.

ކުޝް އަލަށް ޑައިރެކްޓްކުރާ ފިލްމު "ނިކިތާ ރޯއި" އަކީ ބަތަލާ ސޮނާކްޝީ ސިންހާ މުހިއްމު ރޯލަކުން ފެންނާނެ ސުޕަނެޗުރަލް ތުރިލާއެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ ހުކުރު ދުވަހުއެވެ.

comment ކޮމެންޓް