ތިން ކުދިންގެ މަންމަ އަޔޭޝް ޚާން ގޭގައި މަރުވެ, ކުނިވެފައި އޮއްވައި ފެނުނީ ހަފުތާއެއް ފަހުން

ޕާކިސްތާނުގެ ކުރީގެ ބަތަލާ އަޔެޝާ ޚާން--ފޮޓޯ/ފޭސްބުކް

ޕާކިސްތާނުގެ ކުރީގެ ބަތަލާ އަޔެޝާ ޚާން އަމިއްލަ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 84 އަހަރުގެ ބަތަލާ މަރުވެފައި އޮއްވާ ފެނުނީ މަރުވިތާ ހަފުތާއެއް ފަހުން ކަމަށް ފުލުހުންގެ ފޮރެންސިކް ޓީމާ ހަވާލާދީ ދަ އެކްސްޕްރެސް ޓްރިބިއުންގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

އަޔޭޝާ ޚާން މަރުވިކަން އެނގުނީ ކަރާޗީގައި ހުންނަ ބަތަލާ ދިރިއުޅޭ ގެ ހުރި ސަރަހައްދުން އެ ހިސާބުގެ އަވައްޓެރިންނަށް އާދަޔާ ޚިލާފު ކުނި ވަހެއް ދުވަން ފެށުމުން އެ ގެ ބަލައި ފަސްކުރުމުގެ ތެރޭގައެވެ. އަޔެޝާގެ ހަށިގަނޑު ފެނުނުއިރު މަރުވިތާ ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ފުލުހުންގެ ފޮރެންސިކް ޓީމާ ހަވާލާދީ ޕާކިސްތާނުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަޔެޝާ ޚާން މަރުވެފައިވަނީ ފާޚާނާއިން ނުކުތުމަށް ފަހު ވެއްޓުމާ ގުޅިގެންނެވެ. އެއީ ގުދުރަތީ މަރެއްގެ ގޮތުގައި ބެލެވޭ ކަމަށް ޕާކިސްތާނުގެ މީޑިއާއިން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 40 އަހަރުގެ ދިގު މުއްދަތަކަށް ޕާކިސްތާނުގެ ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ބަތަލާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ޖިންނާ ޕޯސްޓު ގްރެޖުއޭޓް މެޑިކަލް ސެންޓަރަށް ގެންދެވުނު ނަމަވެސް ބަތަލާގެ ދަރިފުޅު ޤައުމުން ބޭރުގައި ހުރުމުން ދަރިފުޅު އަންނަންދެން އެ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ. އެހެންވެ، އަޔެޝާ ޚާންގެ ދަރިފުޅު އަންނަންދެން ބަތަލާގެ މަރުވެފައިވާ ހަށިގަނޑު ވަނީ އެދީ ފައުންޑޭޝަން މޯޗަރީގައި ބާއްވާފައެވެ.

އަޔެޝާ ޚާންގެ އަންހެން ދަރިފުޅު އަލީޔާ ބިބީ--ފޮޓޯ/ހިންދުންސްތާންޓައިމްސް

އަޔޭޝާ ޚާނަކީ ޕާކިސްތާނުގެ ޓީވީ ސިލްސިލާތަކުގެ ރަން ދުވަސްވަރު މަޝްހޫރުކަން ހޯދި ޚާލިދާ ރިޔާސަތުގެ ދައްތައެވެ. ޚާލިދާ ވަނީ ކެންސަރު ބަލީގައި 1996 ވަނަ އަހަރު މަރުވެފައެވެ. ކައިވެންޏެއްކޮށް ތިން ކުދިން ލިބިފައިވާއިރު އަޔެޝާ ޚާން ފަހުން ފާހަގަކުރެވުނީ ފިލްމީ ދާއިރާއާ ދުރުގައި ވަކިން އަމިއްލަ ދިރިއުޅުމެއް އުޅެމުން އައި މީހެއްގެ ގޮތުގައެވެ.

ތިން ކުދިން ތިބިއިރު ވެސް މަންމަގެ ޚަބަރު ބަލާނުލާ ހަފުތާއެއްވީއިރު އެންމެ ފަހުން އެ މަންމަގެ ހަށިގަނޑު ނެރެން ޖެހުނީ މަރުވިތާ އެތައް ދުވަހެއްވީ ފަހުން އެ ހިސާބު އަވައްޓެރިންނަށެވެ. މިކަމާ ގުޅިގެން އަޔޭޝާ ޚާންއާ އެކު މަސައްކަތްކުރި ގިނަ ބަޔަކު ވަނީ އަޔެޝާ ޚާންގެ ކުދިންނަށް ނިސްބަތްކޮށް ނުރުހުމުގެ ބަސްތައް މީޑިއާގައި ދޫކޮށްލާފައެވެ.

އަޔެޝާ ޚާން ވަނީ 1992 ވަނަ އަހަރު ރިލީޒްވި ބޮލީވުޑް ފިލްމު "ރާޖޫ ބަން ގަޔަ ޖެންޓްލްމޭން"ގެ ހާއްސަ ރޯލަކުން ވެސް ފެނިފައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

އަޔޭޝާ ޚާންގެ އަންހެން ދަރިއަކު ހުރިއިރު އެއީ 90އިގެ އަހަރުތަކުގެ ތެރޭ ޕާކިސްތާނުގެ ޓޮޕް މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތެކެވެ. ތިން ކުދިން ތިބިއިރު މަންމަގެ ހާލު ބަލާލާނެ ފުރުސަތެއް ނުލިބި ހަޔާތުގެ ފަހު ދުވަސްތައް އެކަނިވެރިކަމާ އެކު ހޭދަކުރަން ޖެހުނީ ކީއްވެގެންތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކިތަންމެ ދުރުގައި އުޅުނަސް މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އެ މައިންބަފައިންގެ ހާލު ބަލާލެވޭނެ ގޮތް ކުރިއާ އަޅާ ބަލާއިރު އެތައް ގުނައެއް ފަސޭހަވެފައި އޮތް މި ޒަމާނުގައި މި ހާދިސާއިން ވަރަށް ގިނަ އިބުރަތްތައް ހާސިލުކުރެވެން އެބައޮތެވެ.

އެގޮތުން، ބޮޑު އާއިލާއެއް އޮވެ މައިންބަފައިންނަށް ދޭންޖެހޭ އަޅާލުމާއި ލޯބި އެންމެ ރަނގަޅު ގޮތުގައި ނުދެވި މައިންބަފައިންގެ ހާލު ބަލާނުލުމުގެ ހިތި ނަތީޖާ މި ހާދިސާއިން ވަރަށް ސާފުކޮށް ފެނެއެވެ.

ޢުމުރުން ދުވަސްވެފައިވާ މަންމައަކު އެކަނި މާ އެކަނި ގެއެއްގައި ބެހެއްޓުމަށް ފަހު ގައުމުން ބޭރުގައި ދިރިއުޅޭއިރު މަންމަގެ ޒިންމާ އަދާކޮށް އެ މަންމަގެ ހާލު އަހުވާލު ބަލާލެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގައި އަޔެޝާ ޚާންގެ ދަރިންނަށް އިހުމާލުވެވިފައިވާ މިންވަރު ވެސް މި ހާދިސާއިން ދޭހަކޮށްދެއެވެ.

މިއީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއިން މަދުން ނަމަވެސް ފެންނަ މަންޒަރަކަށްވާއިރު ދިވެހި މުޖްތަމައުން މި މަންޒަރުތައް ނުފެންނާނެ ގޮތަކަށް ވިސްނުމާއި އަމަލުތައް ބެހެއްޓުމަށް މި ހާދިސާ އިބުރަތަކަށް ފުދެއެވެ.

comment ކޮމެންޓް