އައު ރެކޯޑަކާއެކު އަހުނާ އަނެއްކާ ވެސް ވިދާލައިފި

ރެކޯޑު ހެދި ދުވުންތެރިޔާ އަހުނާ-- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ އިންޓަސްކޫލް އެތުލެޓިކްސް 2025ގެ 20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުން ހެދި ރެކޯޑާއެކު މި އަހަރުގެ މުބާރާތުގައި ވެސް އަހުނާ ނިޒާރު ވިދާލައިފިއެވެ.

ރާއްޖޭގެ ޖޫނިއާ ދުވުންތެރިންތަކުގެ ތެރެއިން އަހުނާއަކީ އެންމެ އުންމީދީ އެއް ދުވުންތެރިޔާއެވެ. އޭނާ ވަނީ މި މުބާރާތުގައި ވާދަކުރި 100 މީޓަރު ދުވުމުން އައުކުރި ރެކޯޑާއެކު އެ އިވެންޓުން ރަން މެޑަލް ވެސް ހޯދާފައެވެ.

ޖަލާލުއްދީން ސްކޫލުން ވާދަކުރި އަހުނާ މި ރެކޯޑު ހަދާފައިވަނީ 12.71 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެންމެ ފަހުން މި އުމުރުފުރާގެ ޓައިމިންއަކީ 12.88 ސިކުންތެވެ.

މި ދުވުމުން ދެވަނަ ހޯދީ ޖަލާލުއްދީނުގެ ފާތިމަތު ޝައިހާ އަސްލަމެވެ. އޭނާ މި ދުވުން ނިންމީ 15.47 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދީ ޖަލާލުއްދީނު ސުކޫލުގެ އައިމިނަތު އަމާނީ އަހުމަދެވެ. އޭނާ ރޭސް ނިންމީ 16.60 ސިކުންތުންނެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ އެތުލެޓިކްސް މީޓުގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

މި އުމުރުފުރާގެ ފިރިހެން 100 މީޓަރު ދުވުމުގެ އެއްވަނަ ހޯދީ 12:25 ސިކުންތުން ރޭސް ނިންމައިގެން ޖަލާލުއްދީން ސުކޫލުގެ އަހުމަދު ސައްމާހް އަލީއެވެ. ދެވަނަ ހޯދީ ހަނިމާދޫ ސުކޫލުގެ އަލީ ނާސިލެވެ. އޭނާ ރޭސް ނިންމީ 13.00 ސިކުންތުންނެވެ. ތިންވަނަ ހޯދީ މިލަންދޫ ސުކޫލުގެ ހުސެއިން އަބުސަލް ފަތުހުﷲ އެވެ. އޭނާ ރޭސް ނިންމީ 13.38 ސިކުންތުންނެވެ.

ސަަތާރަ އަހަރުން ދަށުގެ އުމުރުފުރާގެ 100 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީޏް ރަން މެޑަލް ހޯދީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ މަރިޔަމް ވިމްޔާ އަބުދުﷲއެވެ. އޭނާ ރޭސް ނިންމީ 15:22 ސިކުންތުންނެވެ.

މުބާރާތުގެ އެހެން އިވެންޓުތަކަށް ބަލާއިރު 15 އަހަރުންދަށުގެ ފިރިހެން ހައި ޖަމްޕް އިވެންޓުގެ އެއްވަނަ މިލަންދޫ ސްކޫލްގެ އިބްރާހީމް ނަސީހު އަލީ ހޯދިއިރު، 3.60 މީޓަރަށް ފުންމައިގެން 20 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އިވެންޓުން އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު ޝައިހާ އަސްލަމެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ އެތުލެޓިކްސް މީޓުގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

މީގެ އިތުރުން 20 އަހަރުންދަށުގެ 5،000 މީޓަރު ދުވުމުގެ ފިރިހެން ކެޓެގަރީން އެއްވަނަ ޖަލާލުއްދީން ސްކޫލްގެ އިބްރާހީމް ޝައިހާން ހޯދިއިރު، 17 އަހަރުން ދަށުގެ 800 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން ރަން މެޑަލް ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އައިޝާން އަބްދުލްވައްހާބެވެ.

ބޮޑު ތިލަދުންމަތީގެ 19 ސުކޫލަކުން މި މުބާރާތުގައި ވާދަކުރާއިރު، ޖުމްލަ 108 އިވެންޓެއް ކުރިއަށްދާނެއެވެ.

comment ކޮމެންޓް