ހަނގުރާމައަށްވުރެ އެމްޑީޕީ އާހެދި ގައުމަށް ލިބޭ ގެއްލުން މާ ބޮޑު: ފަލާހު

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު: ވިދާޅުވީ ހަނގުރާމައަށްވުރެ އެމްޑީޕީން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް -- ފޮޓޯ/ މަޖިލިސް

މެދުއިރުމަތީގައި މިހާރު އީރާނާއި އިސްރާއިލާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ވުރެ ވެސް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އީރާނާއި އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން، ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވައިލާ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެ ކުއްލި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުންތަކެވެ. އެގޮތުން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތައް ފާހަގަކޮށްފައިވެއެވެ.

އެ ކުއްލި މައްސަލައަށް ބަހުސްކުރައްވައި މެންބަރު ފަލާޙު ވިދާޅުވީ، ކުއްލި މައްސަލައިގައި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު އެ ސިނާއަތަކަށް އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމަށް ގެއްލުން ލިބޭކަން ފާހަގަކޮށްފައި އޮތްއިރު އޭގެ މާނައަކީ ގައުމަށް ގެއްލުމެއް ދޭން އެމްޑީޕީން ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ވެސް އެ ޕާޓީން އިސްކުރީ ފަތުރުވެރިކަމަށް ގެއްލުމެއް ދޭން ކަމަށެވެ.

އެ ތުހުމަތާއެކު ފަލާހު ވިދާޅުވީ ހަނގުރާމައަށްވުރެ ވެސް އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށެވެ.

އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް [އިދިކޮޅު] އެންމެ ބޮޑު ސިޔާސީ ޕާޓީ. އެމްޑީޕީއަކީ އެންމެ ގިނައިން ދައުލަތުން އާމްދަނީ ވެސް ލިބޭ ޕާޓީ އަދި އެ ފައިސާއަށް ވާ ގޮތެއް ނޭނގުނަސް. އެހެންނަމަވެސް ހިތާމައެއް އެބައޮތް އިއްޒަތްތެރި ރައީސް. ހިތާމައަކީ މި ހަނގުރާމައަށްވުރެ، މި ގައުމަށް އެމްޑީޕީގެ ފަރާތުން ލިބޭ ގެއްލުން ބޮޑުކަން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

މިސާލެއްގެ ގޮތުން ފަލާހު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޔޫރަޕްގެ ގައުމުތަކަށް އެމްޑީޕީގެ ވެރިން ވަޑައިގެން، ރާއްޖޭގެ ފަތުރުވެރިކަން 'ބޮއިކޮޓް' ކުރުމަށް ގޮވާލާފައިވާކަން ތާރީޚުން ވެސް ފެންނާން އޮތުން ކަމަށެވެ.

ފަލާހު ވިދާޅުވީ އެ ހަނގުރާމައިގެ ސަބަބުން ފިޔަވަޅުތައް އެޅުން އަވަސްކުރަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ކުއްލި މައްސަލައެއް ހުށަހެޅިއިރު، ސަރުކާރުން މިހާރު ވެސް ދަނީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން ކަމަށެވެ. އެގޮތުން ހަނގުރާމަ ހިނގާ ސަރަހައްދުގައި ތިބި ދިވެހީންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަން ވެސް ފަލާހު ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް ގައުމަށް ގެއްލުންވެ ދަތި ނުވާނެ ގޮތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކަން ބައްޓަންކުރައްވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހު އެފަދައިން ވިދާޅުވިއިރު، ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެ ތަނުގައި ތިބި ދިވެހީންގެ ހާލަތު ފޮރިން މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށް، ހަމަލަތައް ކުރިއަށްދާތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވަނީ ވިދާޅުވެފައެވެ.

އަދި އީރާން އިސްރާއީލް ހަމަލަތަކުގެ ސަބަބުން، އިގްތިޞާދީ ގޮތުން ރާއްޖެއަށް ކޮށްފާނެ އަސަރުތަކަކީ ކޮބައިތޯ ބަލަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް