ރައީސް މުއިއްޒަކީ ހަނގުރާމައެއް ކަމެއް ވާއިރަށް މީޑިއާތަކަށް އަރައި ކީރިތިކުރައްވާނެ ވެރިއެއް ނޫން: ހަމީދު

މެންބަރު ހަމީދާއި ރައީސް މުއިއްޒު: ވިދާޅުވީ ރައީސް މުއިއްޒަކީ ހަނގުރާމަ ފަދަ ކަމެއް ވާއިރަށް މީޑިއާތަކަށް އަރާ ކީރިތިކުރައްވާނެ ވެރިއެއް ނޫން ކަމަށް --

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހަނގުރާމަ ފަދަ ކަމެއް މެދުވެރިވާއިރަށް މީޑިއާތަކަށް އަރައި، ކީރިތިކުރައްވާނެ ވެރިއެއް ނޫން ކަމަށް ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު ހަމީދު އެފަދައިން ވިދާޅުވީ، އީރާނާއި އިޒްރޭލު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށްޓަކައި، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

ހަމީދު ވިދާޅުވީ، އެގޮތަށް ސަރުކާރުގެ ސަމާލުކަމަށޭ ބުނެ ކުއްލި މައްސަލައެއް ހުށަހެޅުމުގައި އެމްޑީޕީގެ ނިޔަތަކީ ރާއްޖެގެ އިގުތިސާދަށް ގެއްލުން ދިނުން ކަމަށެވެ.

ނަމަވެސް، މި ވެރިކަން އައުމަށް ފަހު ރާއްޖެއަށް ދިމާވި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ރައީސް މުއިއްޒު އެ ގެންދަވަނީ އަދިވެސް މަސައްކަތްޕުޅު ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. މިހާރުގެ ހަނގުރާމައިން ވެސް އެނގޭ އެއްޗަކީ ދުނިޔޭގެ ކަންކަން ހިނގާ މަގުން ރާއްޖެއަށް ކޮންމެ ވަގުތަކު، ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތިލާންޖެހިދާނެކަން ކަމަށް ހަމީދު ވިދާޅުވިއެވެ.

އެހެންވެ، ރައީސް މުއިއްޒު ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރައްވާ މަސައްކަތަކީ ރާއްޖޭގެ ބޭރުގެ ދަރަނިތައް ކުޑަކުރެއްވުން ކަމަށް ހަމީދު ވިދާޅުވިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު: އޭނާ ވިދާޅުވީ، ރައީސަކީ ކަމެއް ވާއިރަށް ކީރިތިކުރައްވާނެ ބޭފުޅެއް ނޫން ކަމަށް -- ފޮޓޯ/ މަޖިލީސް

އޭނާ ވިދާޅުވީ، މި ހަނގުރާމަ ބޯމަތިވިއިރު ލިބުނު އުފަލަކީ ކޮވިޑް-19 އައިއިރު އޮތް ފަދަ ނާގާބިލު ސަރުކާރެއް ނެތުމެވެ. ޔަގީނުން ވެސް ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ކަންކަން މި ސަރުކާރުން މެނޭޖުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި ވެސް އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އެފަދަ ކަމެއް ދުނިޔެއަށް ކުރިމަތިވެ، ރާއްޖެއަށް އޭގެ ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ހިނދު، މީޑިއާއަށް އަރާ، ރައީސުލްޖުމްހޫރިއްޔާ ކީރިތިކުރެއްވުން އެ ވެދާނެ އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެއީ ސީރިއަސްވީ ކަމަށް،" ހަމީދު ވިދާޅުވިއެވެ.

"...އެހެންނަމަވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އެގޮތަށް ކަމެއް ދިމާވާއިރަށް މީޑިއާތަކަށް އަރުއްވައި ކީރިތި ކުރައްވައި، މުޅި ދިވެހި ރައްޔިތުން މާޔޫސްކުރައްވާނެ ރައީސެއް ނޫން. އެއަށްވުރެ ކަންކަމުގައި ދުރު ވިސްނަވައި، ކަންކަން މެނޭޖުކުރައްވަން ދެނެވަޑައިގަންނަވާ ރައީސެއް އެއީ،"

https://sun.mv/207698

ބެލެވޭ ގޮތުގައި އޭނާ އިޝާރާތްކުރެއްވީ ކޮވިޑް-19ގެ ދުވަސްވަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކީރިތިކުރެއްވި ކުރެއްވުމަށެވެ.

މެދުއިރުމަތީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮއްވައި އީރާނުން މިހާރު ވަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައެވެ. އިޒްރޭލުން ވެސް ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައެވެ.

އީރާނުން އެގޮތަށް ބުނީ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މާ ގިނަ ވަގުތު ނުވަނީހެވެ.

އީރާނުން އެކަން އިއުލާނުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ވެސް ވަނީ އިސްރާއީލަށް ފުލުފުލުގައި ހަމަލާތައް އަމާޒުކޮށްފައެވެ. އެ ހަމަލާތަކުގައި ބަޔަކު ވަނީ މަރުވެފައެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ އިންސްޓޯލޭޝަން ކަމަށްވާ ގަތަރުގެ އަލް އުދައިދު އެއާ ބޭސްއަށް އީރާނުން މިސައިލްތައް ފޮނުވާލިތާ ގަޑިއެއްހާއިރު ފަހުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ސަރަހައްދީ މައި މަރުކަޒުގެ ގޮތުގައި މަސައްކަތްކުރާ އަލް އުދެއިދުގައި ގާތްގަނޑަކަށް 10،000 އެމެރިކާ ސިފައިން ތިބެއެވެ.

comment ކޮމެންޓް