ދަރިންގެ ޚަރަދަށް ދޭ 2،000 ރުފިޔާ ބޮޑުކުރަން އެދުމުން، އެކަން ނުވެ ގަވައިދު މުރާޖާ ކުރާތާ 4 މަސް

އަންހެނަކާއި ކުޑަކުއްޖެއް: ދަރިންގެ ޚަރަދު ބޮޑުކޮށްދޭން އެދުނު ގަވާއިދު އިސްލާހު ކުރުމާގުޅޭ ގޮތުންވަނީ ކަމާގުޅުންހުރި ފަރާތްތައް ހާޒިރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައިވެނި ރޫޅުމަށް ފަހު، އެ ކައިވެންޏަށް ލިބިފައިވާ ދަރިންގެ ޚަރަދަށް ބައްޕަ ދޭންޖެހޭ 2000 ރުފިޔާއިން ފޫނުބެއްދޭތީ އެ އަދަދު ބޮޑުކޮށް، ގަވައިދު ބަދަލުކުރަން ހުށަހަޅައިފައިވާއިރު، ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ގަވައިދު މުރާޖާ ކުރާތާ ހަތަރު މަސް ވެއްޖެއެވެ.

އާއިލާއާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އާއިލާއާބެހޭ ގަވާއިދުގައި، 18 އަހަރު ފުރެންދެން ކުދީންގެ ޚަރަދާއި އެ ކުދީން ބެލުމުގެ ޚަރަދުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އަދަދުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހަށް މިދިޔަ ނޮވެންބަރު މަހު މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ ބައްދަލުވުން: ދަރިންގެ ޚަރަދު ބޮޑުކޮށްދޭން އެދުނު ގަވާއިދު އިސްލާހު ކުރުމާގުޅޭ ގޮތުންވަނީ ކަމާގުޅުންހުރި ފަރާތްތައް ހާޒިރުކޮށްފައި -- ފޮޓޯ/ މަޖިލިސް

އާއިލާއާބެހޭ ގަވާއިދުގައިވާ ގޮތުން ކުުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ޚަރަދަށާއި ކުއްޖާ ބެލުމުގެ ޚަރަދަށް، އެއް ކުއްޖަކު ހުރިނަމަ، މަހަކު 2000 ރުފިޔާ އަދި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1000 ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް ދޭންވާނެއެވެ.

ކޯޓު މެދުވެރިވެގެން ދަރީންގެ ޚަރަދާއި، ބޯހިޔާވަހިކަމުގެ ޚަރަދުގެ އިތުރުން އެހެނިހެން ޚަރަދުތައް މިހާރު ވެސް ނަގައިދެއެވެ. މީގެ ކުރިން ކޯޓުން އިސްނަގައިގެން އެ ޚަރަދުތައް ނަގައިދިނަސް، މިހާރު އެ ކަން ކުރަނީ ޚަރަދު ލިބެންވާ ފަރާތުން ކޯޓަށް އެ ކަން ހުށަހެޅުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ ބައްދަލުވުން: ދަރިންގެ ޚަރަދު ބޮޑުކޮށްދޭން އެދުނު ގަވާއިދު އިސްލާހު ކުރުމާގުޅޭ ގޮތުންވަނީ ކަމާގުޅުންހުރި ފަރާތްތައް ހާޒިރުކޮށްފައި -- ފޮޓޯ/ މަޖިލިސް

ފައިސާގެ އިތުރުން ދަރިންނަށް ކޮށްދޭންޖެހޭ ޚަރަދުތަކަކީ، އަހަރަކު ތިން ހެދުމާއި އަހަރަކު ދެ ޔުނީފޯމާއި އެއް ބޫޓާއި ފޮތް ލިސްޓާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތީގެ އިތުރުން ބޭސް ފަރުވާގެ ޚަރަދެެވެ. ނަމަވެސް ދަރީންގެ ޚަރަދަށްވާ 2،000 ރުފިޔާ ފިޔަވައި، އެހެން ޚަރަދުތަކުގެ އަދަދު ގަވައިދުގައި ހިމަނައިފައި ނެތެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވަނީ، ޚިދުމަތާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މަހެއްގެ މައްޗަށް ކަނޑައެޅިފައިވާ 2000 ރުފިޔާއަކީ ދަރިންގެ ހުރިހާ ޚަރަދެއް ފޫބެއްދޭވަރަށް ވުރެ މާކުޑަ އަދަދެއް ކަމަށެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ މި އަދަދުގެ ސަބަބުން ކޯޓުގެ ދިގު މަރުހަލާ ކަޑައްތު ކުރުމަށްފަހު ވެސް ލިބެނީ ހަމަ މިއަދަދު ކަމުން ރޫޅިފައިވާ އައިލާތަކާއި އެކަނިވެރި މައިންނަށް މިކަން ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށް ވެފައި ވާކަން އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އެ މައްސަލައިގައި މަޖިލީހުގެ ގަވައިދު ކޮމިޓީން ވަނީ މިދިޔަ ފެބްރުއަރީ މަހު ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީ ހިމެނޭހެން، ކަމާގުޅޭ ފަރާތްތަކާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި މިނިސްޓްރީން ބުނީ ކަމާގުޅޭ ފަރާތްތަކާއެކު ގަވާއިދު މުރާޖާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކޮމިޓީއަށް މިއަދުވަނީ އަނެއްކާވެސް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ފެމިލީ ކޯޓުގެ އިސްބޭފުޅުން ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވައިފައެވެ.

އާއިލާއާބެހޭ ގާނޫނުގެ ދަށުން އާއިލާއާބެހޭ ގަވާއިދު އެކުލަވައިލީ 2022ވަނަ އަހަރެވެ.

ޑީޖޭއޭއިން ކޮމީޓިގައި ބުނީ، މި ނިޒާމު އޮތް ގޮތުން ދަރިންގެ ޚަރަދުތައް ނަގައިދެވެނީ ޚަރަދު ކުރުމަށް ފަހު ބިލްތައް ހުށަހެޅުމުން ކަމަށެވެ. އެހެންވެ، 2023ވަނަ އަހަރު، އެ ގަވާއިދަށް 15 އިސްލާހެއް ގެނައުމަށް ޖެންޑާ މިނިސްޓްރީއަށް ފޮނުވި ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ކަމާ ގުޅޭގޮތުން ފެމިލީ ކޯޓުގެ ރެޖިސްޓްރާ އަހުމަދު ނަޝީދު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގަވާއިދުގައި ޚަރަދުތަކާ ގުޅޭ ގޮތުން ކަނޑައެޅިގެން ވަކި ގޮތްތަކެއް ބަޔާން ކޮށްފައި ނެތުމުން އަމަލުކުރަމުންދަނީ މަތީ މަރުހަލާ ކޯޓުތަކުގެ ނިންމުންތަކުގެ މައްޗަށް ކަމަށެވެ. މި ނިޒާމު އޮތީ ޚަރަދު ލިބެންވާ ފަރާތަށް ތަކުލީފު ބޮޑުކޮށްކަން އޭނާވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އެ ފައިސާ ރައްދު ކުރުމުގެ މަރުހަލާ އަވަސްކުރަން ގަވާއިދުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"... [އެއީ] ނެޕީ ގަތަސް، ކިޔަވަން ބޭނުންވާ ބައެއް ސާމާނު ގަތަސް ޚަރަދުކޮށްފައި ބިލުތައް ބަރާބަރަށް ބަހައްޓައިގެން، އިދާރީ ކަންތައްތަކެއް ކޮށްގެން ހޯދޭ ޚަރަދުތަކެއް. އެހެންމާ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މިކަން ތަންކޮޅެއް ފަސޭހަ ނިޒާމަކުން ކުރެވޭނެ ގޮތެއް ގަވާއިދުގައި ހިމެނުމަކީ މުހިންމު ކަމެއް،" ކޯޓުގެ ރެޖިސްޓްރާ ވިދާޅުވިއެވެ.

ދަރީންގެ ޚަރަދަށްވާ 2،000 ރުފިޔާ ފިޔަވައި ބާކީ ޚަރަދުތައް ހަމަޖެއްސުން އޮންނަނީ އެ މީހެއްގެ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށެވެ. އެ އަދަދު ބޮޑުކޮށްފިނަމަ ނިކުމެދާނެ ނަތީޖާއަށް ވެސް ފެމިލީ ކޯޓުގެ ފަރާތުން ވަނީ ކޮމިޓީގައި ވާހަކަ ދައްކައިފައެވެ.

ރާއްޖެއަކީ ވަރި އެންމެ ގިނަ ގައުމު ކަމަށްވާއިރު، ދަރީންގެ ޚަރަދަށްވާ ފައިސާގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދުން ނުފުދޭ ކަމާއި ކޯޓަށް ގޮސްގެން ވެސް އެ ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވުމަކީ ޒަމާންވީ ނަމަވެސް ހައްލުނުވެ އޮތް މައްސަލައެކެވެ.

comment ކޮމެންޓް