ސަރުކާރަށް ކަމެއް ނުވަނީ ބަންޑާރަނައިބާ ހެދި: އެމްޑީޕީ މެންބަރުން

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު: ސަރުކާރަށް ކަމެއް ނުވަނީ ބަންޑާރަނައިބާ ހެދި ކަމަށް އެމްޑީޕީން ބުނެފި -- ފޮޓޯ/ ސަރުކާރު

ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު ދެވަނަ ފަހަރަށް އެހާ ކުރު މުއްދަތެއް ތެރޭގައި އިސްލާހުކުރަން ޖެހުމުން އެކަމުގައި ގޯސްތަކެއް އެބަހުރި ކަމަށާއި މި ސަރުކާރަށް ކަމެއް ނުވަނީ ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމާ ހެދި ކަމަށް ވިދާޅުވެ, އިދިކޮޅު އެމްޑީޕީން މިއަދު ފާޑުކިޔައިފިއެވެ.

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސްއިން ވަކިކުރުމަށް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހެއް ގެނައީ މި ފަހުންނެވެ. އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގެ 29 ގައެވެ.

މަހެއް ނުވަނީސް އަނެއްކާ އެ ގާނޫނަށް މިވަނީ އިސްލާހެއް ހުށަހަޅައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފައެވެ. މި ފަހަރު އޮތީ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އިސްލާހުކުރުމާއި، އެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށް ހުށަހަޅާފައި އޮތް އިސްލާހެކެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު -- ފޮޓޯ/ މަޖިލިސް

"ބަންޑާރަނައިބުގެ ބިލުގެ އިއްޔެ އިސްލާހުކޮށްފައި އަނެއްކާ މިއަދު އިސްލާހުކުރަން ޖެހުނީމާ ކޮންމެ ވެސް މައްސަލައެއް އެބައުޅޭ އިއްޒަތްތެރި ރައީސް،" ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އެ ބިލަށް ބަހުސްކުރައްވައި މިއަދު ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އިއްޔެ ފޮނުވާ ބިލެއް އިސްލާހުކުރުމުން އަނެއްކާ ހަމަ އެ ތަފްސީލުކުރުމަށް ފަހު އަލުން އިސްލާހުކުރަން މަޖިލީހަށް ފޮނުވަނީ ކަމަށް ވިދާޅުވެ، އޭނާ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

ރައީސުލްޖުމްޙޫރިއްޔާ އެތައް ގާނޫނަކަށް އިސްލާހު ހުށަހަޅުއްވަން، އެތައް ބިލެއް ފޮނުއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާއިރު އެކަން ނުވަނީ ބަންޑާރަނައިބުގެ ސަބަބުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންވެ، ދައުލަތުގެ ބަންޑާރަނައިބުގެ ކިބައިގައި ވެސް ކޮންމެ ވެސް މައްސަލައެއް އެބައުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން ބަލަން ތިބެވޭކަށް ނެތް ކަމަށާއި މަޖިލީހުން އިސްނަގައިގެން ގާނޫނުތައް ދިރާސާކޮށް، ގެންނަންޖެހޭ އިސްލާހުތައް ގެންނަން އެބަޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އިސްލާހުކޮށްފައި ފޮނުވާލާ ބިލު އަނެއްކާ މަޖިލީހަށް އަނެއް ދުވަހު އައުމުން މިކަން މިހެނެއް ނުވާނެ. ރައްޔިތުން ވެސް އަޅުގަނޑުމެންނާ ދިމާލަށް މަލާމާތްކުރާ ހިސާބަށް މިކަން ހިނގައިދާނެ. އަޅުގަނޑަށް ފެނޭ މި މަޖިލީހުގައި މިކަން ކުރާން ފަށަން. އުނބަން ޖެހުމުގެ މަޝްރޫއު އަޅުގަނޑުމެން ހުއްޓާލައި، ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކެންޖެހޭ،" މައުރޫފް ވިދާޅުވިއެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު -- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވިދާޅުވި ގޮތުގައި މަޖިލީހަށް އަންނަންވާ ބިލުތައް ނައުމަކީ ސަރުކާރުގެ މައްސަލައެއް ނޫނެވެ. އެއީ، އެންމެ ވަޒީރެއްގެ މައްސަލަ ކަމަށާއި އެއީ ދައުލަތުގެ ބަންޑާރަނައިބަށް އެކަން ނުވެގެން ދިމާވާ މައްސަލައެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ބިލެއްގެ ވާހަކަދައްކާއިރު ކޮންމެ ދުވަހަކު އައިސް މެންބަރުން ޖަލްސާ މި ބާއްވަނީ އަކުރެއް، ނޫނީ ފޮޅުވަތެއް އިސްލާހުކުރަން ކަމަށް ވިދާޅުވެ އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.

"މަޖިލިސް ހެނދުނު 10 ޖަހަންދެން ކުރިއަށް ދަނީ ވެސް އިއްޒަތްތެރި ރައީސްގެ ހިކުމަތްތެރިކަމުން. ދުވަހުގެ މޫސުމާއި، އެ ދުވަހަކު އޮންނަ ކޮމިޓީތަކާ ކިޔާލަދެމުން އިއްޒަތްތެރި ރައީސް މިދަނީ. ސަރުކާރެއް މި ހިސާބަށް ދިޔައީމާ އަމަލު ދައްކަން އެބަޖެހޭ އިއްޒަތްތެރި ރައީސް،" ޒިޔާދު ވިދާޅުވިއެވެ.

ނަތީޖާއެއް މިހާރު ފެންނަންވެއްޖެ ކަމަށާއި، ޕީއެންސީ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކިތަންމެ ވަރަކަށް ނަތީޖާ ފެނެއޭ ވިދާޅުވި ނަމަވެސް ނަތީޖާއެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ އޭޖީ ބަދަލެއް ނުވާނެކަން. އެހެންނަމަވެސް ރަނގަޅުކޮށްލެވިދާނެ،" ޒިޔާދު ވިދާޅުވިއެވެ.

މި ސަރުކާރަށް ކަމެއް ނުވެގެން މި އުޅެނީ ބަންޑާރަނައިބާ ހެދިކަމަށް ޒިޔާދު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުގެ ބަންޑާރަނައިބެއް ލައިގެން އެކަން ނުވާނަމަ ސަރުކާރުގެ ބަންޑާރަނައިބެއް ލައިގެން ނަމަވެސް ރަނގަޅަށް މަސައްކަތްތައް ހިންގަން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް