ދުނިޔޭގެ ހުރިހާ ގައުމުތަކަށްވުރެ ރާއްޖޭގައި ޖެޓް ފިއުލް އަގުބޮޑު ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވެއްޖެއެވެ.
އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި އެތެރޭގެ އުދުހުންތަކުގެ އަގާއި ގުޅޭގޮތުން ސުވާލުކުރުން ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ހުރިހާ ގައުމަކާ އަޅާބަލާއިރު ރާއްޖޭގައި ޖެޓް ފިއުލްގެ އަގުބޮޑު ކަމަށާއި އޭގެ ދިރާސާއެއް ވެސް މިހާރު ހަދާފައިވާ ކަމަށެެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނިން ޖެޓްފިއުލް ގަންނަމުން އަންނަނީ 19 ރުފިޔާއަށްވުރެ އަގުބޮޑުކޮށް ކަމަށެވެ. އެއީ، ހަމައެކަނި ތެލަށް ބަލާއިރު ވެސް މުޅި ދަތުރު ޚަރަދުގެ 40 ނުވަތަ 50 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ޚަރަދުތައް ހުރި ގޮތުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަށް ބަލާއިރު ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން އޭނާ ވަނީ ފަހަގަކުރައްވާފައެވެ.
އޭނާ ވަނީ އުދުހުންތަކުގެ އަގު ހެޔޮނުކުރެވިގެން އުޅޭ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް ވިދާޅުވެފައެވެ.
އެކަން [ތެލުގެ އަގުބޮޑުވުން] އަސްލު ދިމާވަނީ މި. ދެން ކުންފުނީގެ މާލީ ހާލަތު ހުންނަ ގޮތުން ވެސް އެއާކްރާފްޓުތައް ވެސް އަޅުގަނޑުމެން މި ހޯދަނީ ހަމަ ދިގު މުއްދަތަށް ލާރި ދައްކާގޮތަށް. އެހެންވީމާ އެއަށް ވެސް ފައިނޭންޝިއަލީ އިތުރު ކޮސްޓުތަކެއް ހުންނާނެ، އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް
ސަލީމް ވިދާޅުވީ، ކުންފުނިން ތެލަށް ކުރާ ހަރަދާއި ދިގު މުއްދަތަށް ދައްކަންޖެހޭ ލޯނުތައް ދައްކައި މަހެއްގެ މައްޗަށް ނުވަތަ ދުވަހުން ދުވަހަށް ހިނގާ ޚަރަދުތަކަށް ބަލާއިރު ޓިކެޓުގެ އަގު މިހާރު ހުރީ ކުންފުންޏަށް ކިރިޔާ ކަތާވަރުގައި ކަމަށެވެ.
ނަމަވެސް، އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށާއި ވަކިން ޚާއްސަކޮށް އާންމުންނަށް ހެޔޮ އަގުގައި ދަތުރުކުރެވޭނޭ ގޮތާއި ގުޅޭގޮތުން ރައީސް މުއިއްޒު ދެ ފަހަރެއްގެ މަތީން މަޝްވަރާ ވެސް ކުރައްވާފައިވާކަން ސަލީމް ވަނީ ފާހަގަކޮށްފައެވެ.
ސަލީމް ވަނީ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަކީ އެ ކުންފުނިން ވެސް ކުރަން ބޭނުންވާ ކަމެއް ކަމަށާއި މިހާރު ވެސް ދުރާލާ ޓިކެޓް ނަންގަވާ ބޭފުޅުންނަށް އަގުހެޔޮކޮށް ޓިކެޓު ލިބޭނޭ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މިހާރު ހަ މަސް ނުވަތަ ހަތް މަސް ދުވަސް ކުރީން ޓިކެޓު ނަގާލެވޭނެކަން ފާހަގަކުރައްވާ އޭނާ ވަނީ ވަގުތު ޖެހުމުން އެއްވެސް އެއާލައިނަކުން ހެޔޮ އަގުގައި ޓިކެޓު ނުލިބޭނޭކަން ފާހަގަކުރައްވާފައެވެ.
އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ދަތުރުކުރާއިރު، ޗުއްޓީގައި ދަތުކުރާއިރު ވެސް ގާތްކޮށްފައި ނަގާއިރު ކުޑަކޮށް އަގުބޮޑުކޮށް ހުންނާނީ. ގިނަ ފަަހަރު ދިވެހީންގެ ދަތުރުކުރުން ވެސް ހުންނަނީ އެ ގޮތަށް އަދި އަޅުގަނޑަށް ބަލާލިނަމަވެސް. މާ ދުރާލާ ޕްލޭންކުރެވިގެންނެއް ދަތުރެއް ނުކުރެވޭ. ކުރީން ސުރެ ވެސް ދިވެހީންގެ ލައިފް ސްޓައިލް ހުންނަ ގޮތް އެއީ، އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް
އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ ރައްޔިތުން އަބަދު ވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. ވަކީން ޚާއްސަކޮށް ޢީދު ބަންދާއި ބޮޑު ޗުއްޓީފަދަ ބަންދު ދުވަސްވަރު އެތެރޭގެ އުދުހުންތަކުގެ އަގު އިންތިހާއަށް އަރައިގެން ދާކަން ފާހަގަކޮށްލަންޖެހެއެވެ.