ޣައްޒާ (25 ޖޫން 2025): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ހަމަލާތަކުގައި އިއްޔެ މަރާލި އިސްރާއީލު ސިފައިންގެ ހަތް މީހުން މަރުވީ ދިރިތިއްބައި އަލިފާނުން އަނދައިގެންކަން ހާމަވެއްޖެއެވެ.
އިސްރާއީލުގެ އަސްކަރީ ޚަބަރުތައް ގެނަސްދޭ އިސްރާއީލުގެ އާމީ ރޭޑިއޯ ބުނި ގޮތުގައި ޣައްޒާގައި އިއްޔެ މަރާލި ހަތް ސިފައިންގެ ތެރޭގައި ހިމެނެނީ ސިފައިންގެ އިސް އޮފިސަރަކާއި އާދައިގެ ސިފައިންގެ ހަ މީހެކެވެ.
އެ ރޭޑިއޯ ބުނާގޮތުން ހަމާސްއިން އެ ހަތް ސިފައިން މަރާލީ ދަންތުރައެއްގައި ޖައްސައިގެންނެވެ. ދަންތުރައިގައި ޖެހުނު ހަތް ސިފައިންގެ ތެރެއިން އޮފިސަރާއި އިތުރު ހަތަރު މީހުން މަރުވީ ޣައްޒާގެ ޚާންޔޫނުސް އަވަށުގެ ހަލާކުވެފައިވާ އިމާރާތަކަށް އޮޅުވާލުމެއްގެ ތެރެއިން އެ މީހުން ވެއްދުމަށް ފަހު އެ ތަނުގައި ހުޅުޖަހައި އަންދާލައިގެންނެވެ.
އަނެއް ތިން ސިފައިން މަރުވީ ޚާންޔޫނުސްގައި އެ މީހުން ދަތުރުކުރި އަސްކަރީ ވެހިކަލަށް ދިން ހަމަލާއެއްގައި އެ ވެހިކަލްގައި ރޯވެ، އެނދުމުގެ ސަބަބުންނެވެ. ކައިރިކައިރީގައި ހިނގި ދެ ހާދިސާގައި އިސްރާއިލުގެ އިތުރު 16 ސިފައިން ޒަޚަމުވި ކަމަށް ވެސް އިސްރާއީލުގެ އާމީ ރޭޑިއޯ ބުނެފައިވެއެވެ.
މިއީ މި ފަހަކަށް އައިސް މުޖާހިދުންގެ ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ މިހާ ގިނަ ބަޔަކު 24 ގަޑިއިރު ތެރޭގައި މަރުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ކުރީކޮޅު ވެސް ހަމާސްގެ މުޖާހިދުންގެ އަތްދަށުން 24 ގަޑިއިރު ތެރޭގައި އިސްރާއީލުގެ ސިފައިންގެ 24 މީހަކު މަރުވެފައިވެއެވެ.
ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި އިއްޔެ އިސްރާއީލު ސިފައިންގެ ހަތް މީހަކު މަރުވި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ރައީސް އިސްހާގް ހެރްޒޮގް ވަނީ މިއީ އިސްރާއީލަށް ވަރަށް ވޭން ލިބުނު އަދި ވަރަށް ހިތާމަވެރި ހާދިސާއެއްކަމަށް ސިފަކޮށްފައެވެ.
ފަލަސްތީނުގައި ނުރައްކާތެރި ޓެރަރިސްޓެއްގެ ގޮތުގައި ސިފަކުރެވޭ އިސްހާގް ހެރްޒޮގްއަކީ އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި އަދި ކަބޯތަކެތި ހޯދުމަށް ކިޔުހަދައިގެން ތިބޭ ޣައްޒާގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހައި މެރުމަކީ އަމިއްލަ ނަފުސުގެ ދިފާއުގައި އިސްރާއީލުން ކުރާކަމެއް ކަމަށް ސިފަކުރާ ނުރައްކާތެރި މީހެކެވެ.
މި ހަތް ސިފައިން މަރުވީ އަލިފާނުން އަނދައިގެންކަން ހާމަވުމާ ގުޅިގެން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަނީ އިސްރާއީލުގެ އެތެރެއިން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރު ލެބެޑް ވަނީ މިފަދަ ގެއްލުންތައް އިސްރާއީލަށް ކުރިމަތިވަނީ ބޮޑުވަޒީރު ނަތަންޔާހޫގެ އަމިއްލަ އެދުންބޮޑު ސިޔާސަތުގެ ސަބަބުންކަމަށް ބުނެފައެވެ.
ނަތަންޔާހޫއަކީ ހައްޔަރުކޮށްގެން ބައިނަލްއަގުވާމީ ކޯޓަށް ހާޒިރުކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރު ނެރެފައިވާތީ ފިލައިގެން އުޅޭ މީހެކެވެ. ނަތަންޔާހޫއަކީ ކޮރަޕްޝަނާއި ނާޒާއިޒު ފައިދާ ނަގާކަމުގެ ތުހުމަތުތަކާ އެކު ޚުދު އިސްރާއީލުގެ ކޯޓުތަކަށް ވެސް ބޭނުންވެފައިވާ މީހެކެވެ.
ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓާލަން ނަތަންޔާހޫ ދެކޮޅު ހަދަނީ ޣައްޒާގައި އޭނާ ހިންގާ ޖަރީމާތައް ހުއްޓާލައިފިނަމަ އޭނާގެ ވެރިކަން ވެއްޓި ޖަލަށް ދާންޖެހިދާނެކަމުގެ ބިރަށްކަމަށް އިދިކޮޅު ލީޑަރު ޔައިރު ލެބެޑް ބުނެފައިވެއެވެ.
ޣައްޒާގައި ދިރިތިއްބައި އަންދާލައިގެން މަރުވި އިސްރާއީލު ސިފައިންގެ މި ހަތް މީހުންގެ ތެރެއިން ހަ މީހުންގެ އުމުރަކީ 19 އަހަރާއި 21 އަހަރާ ދެމެދުކަމަށްވެއެވެ. މި ހަތް ސިފައިން ވެސް ނިސްބަތްވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ 605 ވަނަ އިންޖިނިއަރިން ބެޓަލިއަންއަށެވެ.
މި ހަތް މީހުން މަރާލުމުގެ އިތުުރުން އިއްޔެ ހެނދުނު އީރާނުން އިސްރާއީލުގެ ބިއުރުއްސަބައު ސިޓީއަށް ދިން މިސައިލް ހަމަލާތަކުގައި ވެސް އިސްރާއީލުގެ ހަތް މީހަކު މަރުވެ 21 މީހަކު ޒަޚަމުވެފައިވެއެވެ.