ހަމަލަތަކަށް 2 ހަފުތާ: އީރާން އިސްރާއިލު ހަނގުރާމައާ ގުޅިގެން ކުރިއާލާ ފިޔަވަޅު އަޅަން ގޮވައިލައި ކުއްލި މައްސަލައެއް

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް: އީރާން-އިޒްރޭލު ހަނގުރާމައާ ގުޅިގެން ކުރިއާލާ ފިޔަވަޅު އަޅަން ސަރުކާރަށް ގޮވައިލާ ކުއްލި މައްސަލައެއް ހުށަހެޅުއްވި -- ފޮޓޯ/ މަޖިލިސް

މެދުއިރުމަތީގައި މިހާރު އީރާނާއި އިސްރާއިލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި އިގްތިސޯދީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ސަމާލުވެ، ކުރިއާލާ ފިޔަވަޅުތައް އަޅަން ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ 45 މެންބަރުންގެ ވޯޓުން ބަލައިގަނެ ބަހުސްކުރުމަށް ފާސްކޮށްފައެވެ. އެ ކުއްލި މައްސަލައާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲއެވެ.

ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިސްރާއިލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާރު ހަމަލާތައް ދޭން ފަށާފައިވާއިރު، މެދުއިރުމަތީގެ އިތުރު ގައުމުތަކަށް އެ ހަނގުރާމަ ފެތުރި ގިނަ ދުވަސްތަކަކަށް ހަނގުރާމަ ދިގުދެމިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެ މައްސަލައިގައި ވަނީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ގަތަރުގެ ވެރި ރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ރޭ އީރާނުން ހަމަލާ ދިނުމާއެކު، ދޯހާއާއި ދުބާއީ ފަދަ މަންޒިލްތަކުން ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވާކަމަށް ޚަބަރު ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ.

އިސްރާއީލާއި އީރާން ހަނގުރާމައިގެ ތެރެއިން އީރާނުން ދިން ހަމަލާތަކެއް -- ފޮޓޯ/ ރޮއިޓާސް

އޭގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެދަތުރުފަތުރަށް ބުރޫއަރައިފިނަމަ، އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ. އެއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ލިބުން ދަށްވެ، ރާއްޖެއަށް ދަތި ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވަނީ ބުނެފައެވެ.

ވަކިން ޚާއްސަކޮށް އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރުމާއެކު، ބޭހާއި، ކާޑުގެ ބާވަތްތަކާއި، ތުއްތު ކުދިންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރުކުރުމަށް ޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް މައްސަލައިގައި ވަނީ ބުނެފައެވެ.

އެހެންކަމުން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންވެއްޖެ ކަމަށް އެ މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

މީގެ ކުރިން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރަކާ ގުޅިގެން އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށް ޓަކައި ވެސް މީކާއިލް ވަނީ ގަރާރެއް ހުށަހަޅައިފައެވެ.

https://sun.mv/207629

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13ވީ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ދެވަނަ ހަފުތާއެވެ. އިޒްރޭލު ބުނާގޮތުން އެ ހަމަލާތައް ދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.

ހަނގުރާމައިގެ ސަބަބުން އިގްތިސޯދީ ގޮތުން ވެސް އެތައް ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ.

އެގޮތުން ރޭގެ ހަމަލާގެ ސަބަބުން ގަތަރާއި ދުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ޑިލޭ ވުމުގެ ކަންބޮޑުވުން ވެސް ވަނީ ފެންމަތިވެފައެވެ.

އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު ދުނިޔޭގެ ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ. އެގޮތުން, ތެލުގެ ބެންޗްމާކް ކަނޑައަޅާ ބްރެންޓް ކްރޫޑް އަދި ނައިމެކްސް ލައިޓް ސްވީޓުގެ ތެލުގެ އަގު ވަނީ 10 ޕަސަންޓު މަތިވެފައެވެ.

ތެލުގެ އަގަށް އަންނަ ބަދަލުން އެހެނިހެން ހުރިހާ ތަކެތީގެ އަގަށް ބަދަލު އަންނާނެއެވެ.

comment ކޮމެންޓް