އަންނަ ހޯމަ ދުވަހުގެ ކުރިން އޮންލައިންކޮށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަން އެދިއްޖެ

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު --

މި މަހުގެ 30ވާ، އަންނަ ހޯމަ ދުވަހުގެ ކުރިން, މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އިލްތިމާސްކޮށްފިއެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާދައްކަން ޖެހެނީ ވަކި ޝަރުތުތަކެއް ހަމަވާނަމައެވެ. މި ޝަރުތުތަކަކީ ކޮބައިކަން، މީރާގެ ވެބްސައިޓުގައިވާ އިންޓަރެކްޓިވް ގައިޑުން އެނގޭނެއެވެ.

ޝަރުތުތައް ދެނެގަތުމަށާއި، އިންކަމް ޓެކުހުގެ ބަޔާން ހުށަހަޅަން ޖެހޭ ފަރާތެއްކަން ނުވަތަ ނޫންކަން ވެސް މީރާގެ ވެބްސައިޓުން ޔަގީން ކުރެވޭނެއެވެ.

ބޭންކުތަކާއި އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅަންޖެހެނީ MIRA 604 ފޯމެވެ.

މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން، ޓެކުހުގެ އަދަދު ހިސާބުކުރުމުގައި އަދި އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް މީރާއިން ސަމާލުކަމަށް ގެނެސްފައިވެއެވެ. އެއީ:

  • އިންކަމް ޓެކްސް ބަޔާނާއެކު މާލީ ހިސާބުތައް ހުށަހަޅަން ޖެހޭނީ ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން
  • ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން، އެ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ، އިންކަމް ޓެކްސް ބަޔާނާއެކު އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭނެ
  • އުޖޫރަ ލިބޭ ފަރާތްތަކުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ، ފައިސާ އާއި ފައިސާއިން ނޫންގޮތަށް ލިބިފައިވާ އިނާޔަތާއި މަންފާ ހިމަނައިގެން
  • އުޖޫރަ ލިބޭ ފަރާތްތަކުގެ ތެރެއިން މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އުނިކޮށްފައިވާ ފަރާތްތަކުން، އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނަމަ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، އެ ގޮތުން ޓެކްސް އުނިކޮށްފައިވާ އުޖޫރައިގެ އަދަދު ވެސް ހިމަނައިގެން
  • އެހެން ނަމަވެސް މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި މީރާއަށް ދައްކާފައިވާ އަދަދު، މުޅި އަހަރަށް ދައްކަންޖެހޭ ޓެކުހުގެ އަދަދުން އަޅައިކެނޑޭނެ

މީގެ އިތުރުން، އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިންކޮށް ކުރެވޭ ކަމެއް ކަމަށްވާތީއާއި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ވެސް މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާތީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުން ވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އިސްކަންދޭން މީރާއިން އެދެއެވެ.

ފަރުދުންގެ ތެރެއިން ހަމައެކަނި އުޖޫރައިން އާމްދަނީ ލިބޭ ފަރާތްތައް، ނުވަތަ ހަމައެކަނި ނުއުފުލޭ މުދާ ކުއްޔަށް ދީގެން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ޚަރަދުގެ ގޮތުގައި އެ ނުއުފުލޭ މުދަލުގެ ކުލީގެ އާމްދަނީގެ 20 ޕަސެންޓު އުނިކުރާ ފަރާތްތައް، ނުވަތަ ހަމައެކަނި މި ދެ ބާވަތުން އާމްދަނީ ލިބޭ ފަރާތްތަކުން، "ސިމްޕްލިފައިޑް އިންކަމް ޓެކްސް ބަޔާނެއް"ގެ ގޮތުގައި މިހާރު އިންކަމް ޓެކްސް ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން ބުނެއެވެ.

އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރުމަށް ޓަކައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ މީހުން، މީރާގެ ހޮޓްލައިން 1415އަށް ގުޅައިގެން ނުވަތަ އީމެއިލް ކޮށްގެން ވެސް އެހީތެރިކަން ހޯދޭނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި މީރާގެ ސާވިސް ސެންޓަރު ކުރިމަތީގައިވާ ޚާއްސަ އިންފޮމޭޝަން ޑެސްކްތަކުން ވެސް އިންކަމް ޓެކްސް ބަޔާން ފުރިހަމަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، މި މަހުގެ 12އާ ހަމައަށް ލިބިފައިވާ އާމްދަނީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މި މުއްދަތުގައި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 1.22 ބިލިއަން ރުފިޔާ ލިބިފައިވާއިރު އިންޑިވިޖުއަލް ނުވަތަ ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ގޮތުގައި 204 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެ ދެ އަދަދަކީ ވެސް މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރު އަދަދުތަކެވެ. އެހެންނަމަވެސް ޖުމްލަ ގޮތެއްގައި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 760.1 މިލިއަން ރުފިޔާ ވަނީ ދަށަށް ގޮސްފައެވެ.

comment ކޮމެންޓް