މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި އާމިރު ޚާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ހާއްސަ ސްކްރީނިންގްއެއް އިންޑިއާގެ ރައީސް ދްރޫޕަދީ މުރުމޫއާ އެކު އެ ފިލްމުގެ ޓީމުން ބާއްވައިފިއެވެ.
މި ސްކްރީނިންގް ބޭއްވީ ނިއުދިއްލީގައި ހުންނަ ރައީސް ދިރިއުޅުއްވާ ގެކޮޅު ރަޝްތްރަޕަތީ ބަވަންގައެވެ. އިންޑިއާގެ ރައީސަށް ހާއްސަކޮށްގެން މި ފިލްމުގެ ހާއްސަ ސްކްރީނިންގްއެއް ބާއްވާފައި މިވަނީ ފިލްމު ރިލީޒްކުރިތާ ހަފްތާއެއްވާން ކައިރިވެފައި ވަނިކޮށެވެ.
ހަމައެއާއެކު އުއްމީދުކުރި ވަރަށްވުރެ މާބޮޑަށް ބެލުންތެރިންނަށް ފިލްމު ކަމުގޮސްފައިވާއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބެމުން އަންނަ ކާމިޔާބީ ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ފިލްމުގެ ހާއްސަ ސްކްރީނިންގްއަށް ފަހު އިންޑިއާގެ ރައީސް ދްރޫޕަދީ މުރުމޫ ވަނީ އާމިރު ޚާންއާ އެކު ފިލްމު ބަލާފައިވާކަން ހާމަކޮށް އެކްޓަރާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައެވެ.

ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ސިތާރޭ ޒަމީން ޕަރު"އަކީ މިފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖްތަމައުން އާއްމުކޮށް ފެންނަ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް ހިމަނައިގެން އާމިރު އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އޯޓިޒަމް ހުންނަ ކުދިންނާ އެކު ޑައުންސިންޑްރޮމް ހުންނަ ކުދިންތަކެއް އާމިރު ވަނީ ފިލްމު އިންޑަސްޓްރީއަށް ތައާރަފްކޮށްފައެވެ.
މިއީ އާމިރުގެ 2007 ވަނަ އަހަރުގެ ފިލްމު "ތާރޭ ޒަމީން ޕަރު"އާ ދާދި އެއްކަހަލަ ވާހަކައަކަށްވީ ނަމަވެސް އެއަށްވުރެ ބެލުންތެރިން މާ ޖަޒުބާތީ ކުރުވި ފިލްމެއްގެ ގޮތުގައި މިހާތަނަށް ފިލްމު ބެލި މީހުން ވަނީ ސިފަކޮށްފައެވެ.
އާމިރުގެ އިތުރުން ބަތަލާ ޖެނީލިއާ ޑީސޫޒާ މުހިއްމު ރޯލްއިން ފެންނަ "ސިތާރޭ ޒަމީން ޕަރު" އަކީ 2018 ވަނަ އަހަރު ރިލީޒްވި ސްޕެނިޝް ފިލްމު "ޗެމްޕިއަންސް"ގެ ރިމޭކްއެކެވެ.
މި ފިލްމު ސިނަމާތަކުން ނެގި ނަމަވެސް ޑިޖިޓަލް ޕްލެޓްފޯމަކަށް ފިލްމު ދޫކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އާމިރު ވަނީ ބުނެފައެވެ.