ސާޅީސް އެއް އަހަރަށްފަހު އިންޑިއާއިން ޖައްވަށް އެސްޓްރޮނޯޓެއް ފޮނުވައިފިއެވެ.
އިންޑިއާގެ އެސްޓްރޮނޯޓެއް ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ކްރޫންނާއެކު އެކްސިއަމް-4 (އެކްސް-4) މިޝަން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލީ އިއްޔެއެވެ.
ނާސާގެ ކުރީގެ އެސްޓްރޮނޯޓް ޕެގީ ވިޓްސަން އިސްކޮށް ހުރެގެން އެކްސް-4 އުދުއްސާލީ ފްލޮރިޑާގެ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.
މި މިޝަން ޕައިލެޓް ކުރަމުން އަންނަ ގްރޫޕް ކެޕްޓަން ޝުބާންޝޫ ޝުކްލާއަކީ ޖައްވަށް ދަތުރުކުރި ދެވަނަ އިންޑިއާ ރައްޔިތެވެ.
ގާތްގަޑަކަށް 26 ގަޑިއިރަށްފަހު، އެ ޖައްވީ އުޅަނދު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ޖައްސާފައިވާއިރު، ކެޕްޓަން ޝުކްލާ ވެގެންދާނީ ނާސާގެ ލެބޯޓްރީއަށް ޒިޔާރަތްކުރާ ފުރަތަމަ އިންޑިއާ މީހާއަށެވެ.
އޭނާގެ މި ދަތުރަކީ 1984 ވަނަ އަހަރު ރަޝިޔާގެ ސޯޔޫޒް އެއްގައި ޖައްވަށް ދަތުރުކުރި ފުރަތަމަ އިންޑިއާ މީހާގެ ގޮތުގައި ކޮސްމޮނަޓް ރާކޭޝް ޝަރްމާ ޖައްވަޔަށް ދިޔަތާ 41 އަހަރު ފަހުން ކުރި ދަތުރަށެވެ.
އެކްސް-4 ގައި އައިއެސްއެސްއަށް ކުރި ދަތުރަކީ އިންޑިއާގެ ޖައްވީ އިދާރާ އިސްރޯ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި ސްޕޭސްއެކްސް ގުޅިގެން ކުރިއަށް ގެންދާ ދަތުރެކެވެ.
އޭގައި ތިބި ހަތަރު މެމްބަރުންގެ ޓީމުގައި ޕޮލެންޑްގެ ސްލާވޮސް އުޒްނަންސްކީ-ވިސްނިއެވްސްކީ އާއި ހަންގޭރީގެ ޓިބޯ ކަޕޫ ވެސް ހިމެނެއެވެ. ލޯންޗު ކުރުމުގެ ކުރިން އެސްޓްރޮނޯޓުން ވަނީ ހަފްތާތަކެއް ވަންދެން ކަރަންޓީނުގައި ހޭދަކޮށްފައެވެ.
އިންޑިއާގެ ޖައްވީ އިދާރާއިން އިސްރޯ ބުނީ ގްރޫޕް ކެޕްޓަން ޝުކްލާ އައިއެސްއެސްއަށް ކުރާ މި ދަތުރުގައި ލިބޭނެ ތަޖުރިބާއަކީ އެ ކުންފުނީގެ މަސައްކަތަށް އިންތިހާއަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
އުމުރުން 39 އަހަރުގެ ޝުކްލާ ހިމެނެނީ 2027 ވަނަ އަހަރު އެ ގައުމުގެ ފުރަތަމަ އިންސާނީ ޖައްވީ ފްލައިޓުގައި ދަތުރުކުރުމަށް މިދިޔަ އަހަރު ޝޯޓްލިސްޓް ކުރި ހަތަރު އޮފިސަރުންގެ ތެރެއެވެ.
އިންޑިއާއިން ވަނީ 2035 ވަނަ އަހަރުގެ ނިޔަލަށް ޖައްވީ ސްޓޭޝަނެއް ގާއިމްކޮށް، 2040 ވަނަ އަހަރުގެ ނިޔަލަށް އެސްޓްރޮނޯޓުން ހަނދަށް ފޮނުވާނެކަން ވެސް އިއުލާންކޮށްފައެވެ.
ޖައްވަށް ދިއުމަށް ތައްޔާރުވުމަށް ގިނަ ޓެސްޓްތަކެއް ހަދަމުން އަންނަ އިސްރޯއިން ވަނީ ގްރޫޕް ކެޕްޓަން ޝުކްލާއަށް އެކްސް-4 ގައި ދަތުރުކުރުގެ ފުރުސަތު ހޯދައިދިނުމަށާއި އޭނާގެ ތަމްރީނުތަކަށް 5 ބިލިއަން ރުފިޔާ (59 މިލިއަން ޑޮލަރު/ 43 މިލިއަން ޕައުންޑް) ހޭދަކޮށްފައެވެ.
އިންޑިއާގެ އުތުރުގެ ލަކްނޯ ސިޓީއަށް އުފަން ގްރޫޕް ކެޕްޓަން ޝުކްލާ އިންޑިއާގެ ވައިގެ ސިފައިންނާ ގުޅުނީ 2006 ވަނަ އަހަރު ފަޔާ ޕައިލެޓެއްގެ ގޮތުގައެވެ.
އޭނާ ވަނީ 2،000 ގަޑިއިރަށް ވުރެ ގިނަ ގަޑިއިރު އުދުހުމުގެ ތަޖުރިބާ ހޯދާފައެވެ.