އަވައްޓެރި ސްރީލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެކަމަށް ލަންކާގެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފިއެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި، އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. ބެލެވޭ ގޮތުގައި މި ދަތުރުފުޅުގައި އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ލަންކާއާއި ރާއްޖެ ސިޔާސީ ގުޅުން ބަދަހިކުރި ތާރީޚާ ދިމާވާހެން ޖުލައި 29އާ ދިމާކޮށެވެ.
މި ދަތުރުފުޅުގެ ތެރެެއިން، ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކާއި، ސަރަހައްދީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރާނީ ރާއްޖެއާއި ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓު ޒޯނެއް ގާއިމްކުރުމާ ގުޅޭ ގޮތުންނެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓު ޒޯނެއް ގައިމްކުރެވިއްޖެނަމަ، ވިސާއާ ނުލައި، އަދި ވޯކް ޕާމިޓެއް ވެސް ނެތި ދެ ގައުމުގެ ރައްޔިތުންނަށް، ދިރިއުޅުމާއި، ކިޔެވުމާއި، ވަޒީފާ އަދައިކުރުމާއި، ވިޔަފާރިތައް ކުރުމާއި، ޕްރޮޕަޓީ ގަނެ ވިއްކުމުގެ ފުރުސަތު ފަހިވާނެއެވެ.
މިއީ ޔޫރޮޕިއަން ޔޫނިއަނުގެ މެންބަރު ގައުމުތަކާއި، އައިސްލޭންޑާއި ލީޗްޓެންސްޓެއިނާއި، ނޯވޭ ހިމެނޭހެން ގާއިމްކޮށްފައިވާ ޔޫރޮޕިއަން އިކޮނޮމިކް އޭރިއާ (އީއީއޭ)ފަދަ ޒޯނެއް މި ސަރަހައްދުގައި ގާއިމްކުރެވި، ވިޔަފާރި މުދަލުގެ މުއާމަލާތްތަކާއި، މީހުންނަށް އެއްވެސް ހުރަހެއް ނެތި ދަތުރުފަތުރުކުރެވޭހެން ފަހިވާނެ ކަމެކެވެ.
ޑިސަނަޔެކަ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ބޭރު ގައުމަކަށް ކުރައްވާ ރަސްމީ ހަވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރަން ހަމަޖެހިފައިވާކަން މިޑިއާތަކުން ރިޕޯޓުކުރަމުން އަންނައިރު، އަންނަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ދިވެހި ސަރުކާރާއި، އަވައްޓެރި ލަންކާއާއި، އިންޑިއާގެ ސަރުކާރުން ވެސް ރަސްމީ ބަހެއް ހާމަނުކުރެއެވެ.