އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓުކޮށް ތައްޔާރުކުރާ އާ ވެބް ޝޯ "ބަރުދާސްތު" އިއުލާނުކޮށްފިއެވެ.
ދިވެހީންގެ މެދުގައި 2000ގެ ކުރީކޮޅުން ފެށިގެން މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު އައިމިނަތު ނޫރާ ލީޑުން ފެނިގެންދާ މި ވެބް ޝޯގެ ފުރަތަމަ ޕޯސްޓަރު ވަނީ އާންމުކޮށްފައެވެ.
ޕޯސްޓަރުން ފެނިގެންދާ ގޮތުގައި މި ޝޯ އަކީ ގެވެށި އަނިޔާގެ މައްސަލަތަކަށް އަލިއަޅުވާލާނެ ޝޯއެކެވެ. އެގޮތުން ލީޑުން ފެންނަ ނޫރާގެ މޫނަށް އަނިޔާތަކެއް ލިބިފައިވާތަން މި ޕޯސްޓަރުން ފެނިގެންދެއެވެ.
މީޑިއާނެޓްގެ ސްޓްރީމިން ސާވިސްއަށް ނެރުމަށް ތައްޔާރުވަމުން އަންނަ މި ޝޯ އުފައްދާނީ އެއްކާފު ޕްރޮޑަކްޝަނުންނެވެ. އެއްކާފު ޕްރޮޑަކްޝަނުން އަންނަނީ މި އަހަރު ފުލުފުލުހުން ގިނަ އުފެއްދުންތަކެއް ރިލީޒްކުރަމުންނެވެ.
މި ޝޯގެ ސްކްރިޕްޓުގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ޒަރީރެވެ. ޒަރީރަކީ މިއަހަރު މީޑިއާނެޓުން ގެނެސްދިން ތުރިލާ އަދި ޑްރާމާ ޝޯ "ހިންތާ"ގެ ވެސް ސްކްރިޕްޓުގެ މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭގެއިތުރުންވެސް މީޑިއާނެޓުން ގެނެސްދިން ތަފާތު އެކި އުފެއްދުންތަކުގެ މަސައްކަތް ޒަރީރު ކޮށްފައިވެއެވެ.
ބަރުދާސްތުގެ ލީޑް އެކްޓަރާއި ޕޯސްޓަރުގެ އިތުރުން ޝޯއާ ގުޅޭގޮތުން މާ ގިނަ މައުލޫމެއް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް "ވަރަށް އަވަހަށް" އާންމުންނަށް ޝޯ ބަލަން ލިބޭނެ ކަމަށް ޕްރޮޑަކްޝަނުން އިޝާރާތް ކޮށްފައިވެއެވެ.
މިހާތަނަށް ބަރުދާސްތުގެ ކާސްޓުން އާންމުކޮށްފައިވަނީ ނޫރާ އެކަންޏެވެ. މިއުޒިކް ވީޑިއޯއަކުން މަގުބޫލުވި ނޫރާ ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެންގޮސްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެއީ ޑާކްރެއިން އިން އެ އަހަރު ނެރުނު ރޮމްކޮމް ފިލްމު "ވާށޭ މަށާއެކީ"ގެ ސަޕޯޓިން ރޯލަކުންނެވެ. އެއަށްފަހު ނޫރާ ވަނީ ތަފާތު އެކި ފިލްމުތަކުންނާއި ޝޯތަކުން ފެނިގެން ގޮސްފައެވެ. މިއީ އޭނާ ލީޑުން ފެނިގެންދާނެ ފަސްވަނަ ޝޯއެވެ.