ރާއްޖޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟"ގެ ރަސްމީ ޕޯސްޓަރު އާންމުކޮށްފިއެވެ.
ފިލްމުގެ މަސައްކަތް މިހާރު ނިމުމަށް ގާތް ވެފައިވާއިރު މިހާރު މަސައްކަތް ކުރަމުން އަންނަނީ އޯގަސްޓުގެ ތެރޭގައި ފިލްމު އެޅުވުމަށެވެ. އައިފިލްމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ޕްރިމިއާ ކުރާނީ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހެވެ.
ދާދިފަހުން އައިފިލްމްސް އިން އާންމުކޮށްފައިވާ ޕޯސްޓަރުން ފިލްމުގެ ތީމަށް ކޮންމެވެސް ވަރަކަށް އަލިއަޅާލައެވެ. ލޯބީގެ ފިލްމެއްގެ ގޮތުގައި ނެރޭ ފިލްމަކަށް ވި ނަމަވެސް މި ފިލްމުގައި އިއްލެގެ ސްޓައިލް ހުންނާނެ ކަން ޕޯސްޓަރުން އެނގެއެވެ.
View this post on Instagram
މި ފިލްމުގައިވެސް އިޖުތިމާއީ ކޮންމެވެސް މައްސަލައަކަށް އަލިއަޅުވާލާނެ ކަމަށް ބެލެވެއެވެ.
އިއްލެގެ ލޯބިންގެ މަސައްކަތް މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެއަށް ފަހު ފިލްމާ ގުޅޭ އާ މައުލޫމާތުތައް ދަނީ ހިއްސާ ކުރަމުންނެވެ.
އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އާދަމް އާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ.
އަލަށް ނެރޭ ފިލްމުގައި އިއްލެއާއެކު މަސައްކަތް ކުރާނީ އިފްނާޒްއެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑައިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.