މޫސުން ގޯސްވެ، މިއަދު މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު، އެ ވަގުތުތަކުގައި ސިނަމާލެ ބުރިޖު މަތިން ސައިކަލު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، 13:30އިން 17:00އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، އުދަ އެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެ އެލާޓާ ގުޅިގެން ފުލުހުން ވަނީ، މާލެއާއި ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ބުރިޖާއި ހައިވޭގައި ދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
"މި ވަގުތުތަކުގައި، ދަތުރުތައް ކުރެއްވުމަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރައްވާ!" ފުލުހުން އެދިފައިވެއެވެ.
މޫސުން ބޮޑަށް ގޯސްވެފައިވަނީ މެދު ރާއްޖެތެރެއާއި އުތުރަށެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހެނދުނުން ފަށައިގެން 16:30އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.
އެ އޮފީހުން ވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުނެފައެވެ.
ކަނޑުގަދަ ދުވަސްތަކުގައި ބުރިޖާއި ހައިވޭ މައްޗަށް އުދަ އަރައި، ސައިކަލު ދުއްވާފައި ދާ މީހުންނަށް އަނިޔާވުމުގެ ހާދިސާތައް މީގެ ކުރިން ދިމާވެފައިވެއެވެ. އެގޮތުން އޮގަސްޓު 02، 2023ގައި ބުރިޖަށް ރާޅެއް އަރައި، ދަތުރުކުރަމުން ދިޔަ ގިނަ އަދަދެއްގެ ސައިކަލުތަކުގައި ތިބި މީހުން ރާޅާއެކު ކަހާލައިގެން ބިންމައްޗަށް ވެއްޓިފައިވެއެވެ.
އެ ހާދިސާގައި ތިން ފިރިހެނަކާއި ދެ އަންހެނަކާއި 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެ، ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.