ކޮޅުވެއްޓި ބަންޑުން ޖަހައިލުން: ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ގެއްލުނު ބިދޭސީ މީހާ ނުފެނޭ

ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުންޖަހާލައިފި --ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ ބުދަ ދުވަހު ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފައި ވާކަމަށާއި ނަމަވެސް، މިހާތަނަށް އޭނާ ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ކޮޅުވެއްޓި ބަންޑުން ޖަހައިލީ ތިން ސިފައިންނާއި ތިން ބިދޭސީންނާ އެކު މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށެވެ. މިއީ ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓެވެ.

މި ހާދިސާގައި ބިދޭސީއަކު ގެއްލިފައި ވާއިރު، ސިފައިންގެ މީހަކު ވަނީ ނިޔާވެފައެވެ.

https://sun.mv/207768

މި ހާދިސާއާ ގުޅިގެން، އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ވަނީ ކޮޅުވެއްޓި ބަންޑުން ޖަހައިލި ވަގުތުންފެށިގެން ޑްރޯން ބޭނުންކޮށްގެންނާއި، ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް ސާފޭސް ސާޗްގެ ގޮތުގައި 1035 ސްކްއާ ނޯޓިކަލް މޭލު ބަލާފައި ވާކަމަށާއި އޭރިއަލް ސާޗްގެ ގޮތުގައި 1496 ސްކްއާ ނޯޓިކަލް މޭލު ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް، މި މަސައްކަތް އަދި ކާމިޔާބު ވެފައެއް ނުވެއެވެ.

މި ހާދިސާގައި ނިޔާވީ، ތ. ހިރިލަންދޫ، ސީރީނުގެ އަލީ ހާމިދެވެ. ހާމިދު ވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް 27 އަހަރު ޚިދުމަތްކުރައްވާފައެވެ. ހާމިދުގެ ޖަނާޒާ އެރޭ ވަނީ ރަސްމީ އިއްޒަތުގައި ބާއްވައިފައެވެ.

https://sun.mv/207789

މި ޖަނާޒާގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވިއެވެ.

comment ކޮމެންޓް