އިންޑިއާގެ މުމްބާއީއިން ޗެންނާއީއަށް ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާ ބޯޓަކުން އެއްޗެއް އަނދާކަހަލަ ދުން ވަހެއް ދުވައިގެން އަނބުރާ މުމްބާއީއަށް ޖައްސައިފިއެވެ.
އެ ބޯޓުން ދަތުރުކުރި ފަސިންޖަރެއް ހިއްސާކުރި ގޮތުގައި މުމްބާއީއިން އެ ފްލައިޓު ނައްޓާލާފައި ވަނީ ހުކުރު ދުވަހުގެ ރޭ އިންޑިޔާ ގަޑިން ރޭގަނޑު 11.50 ގައެވެ.
ގާތްގަނޑަކަށް 45 މިނެޓެއްހާއިރު އުދުހުނު ފަހުން، ޓެލްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ މުމްބާއީއަށް ދިޔުމަށް ނިންމާފައިވާ ކަމަށް ޕައިލެޓު އިޢުލާނު ކުރިއެވެ. ބޯޓު މުމްބާއީއަށް އަނބުރާ ޖައްސާފައި ވަނީ 12:47ގައެވެ.
"އޭއައި 639 ބޯޓު ސަލާމަތުން އަނބުރާ މުމްބާއީއަށް ޖެއްސީ. އަދި މަތިންދާބޯޓު ބަދަލުކުރުމުގެ މަސައްކަތް ފެށި. މުމްބާއީގައި ތިބި އަޅުގަނޑުމެންގެ ގްރައުންޑް މުވައްޒަފުން ފަސިންޖަރުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިން. ފްލައިޓް އަނބުރާ ޖެއްސީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން،" މި ހާދިސާއާ ގުޅިގެން އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެއާ އިންޑިއާގެ ބޯޓަކަށް މި ފަހުން ކުރިމަތިވި، އެންމެ ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހެވެ. އެއާ އިންޑިއާ ފްލައިޓް 171 އިންޑިއާގެ އަހުމަދު އާބަދުން ފުރައިގެން ލަންޑަނަށް ދިއުމަށް ދަތުރު ފެށިތާ އެންމެ ދިހަރަކަށް މިނެޓު ތެރޭ، އެއާޕޯޓާ ކައިރިއަށް ބޯޓު ވެއްޓުނީއެވެ.
އޭ ހަދިސާގައި ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ.