ފިލްމީ ކެރިއަރުގެ ކުރީކޮޅު ހިތްހަމަނުޖެހޭ ފިލްމަކުން ފުރުސަތު ލިބުނަސް އެ ފިލްމަކަށް ނޫނެކޭ ބުނުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ބަތަލާ ވިދްޔާ ބާލަން ބުނެފިއެވެ.
ފިލްމު "ހެއި ބޭބީ"، "ބޫލް ބުލައްޔާ" އަދި "ދަ ޑާޓީ ޕިކްޗާ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ވިދްޔާ ބުނެފައި ވަނީ، އޭނާއަކީ އަމިއްލަ ނަފުސަށް އިތުބާރު އޮންނަ މިންވަރު ފިލްމުތަކުން ވަރަށް ބޮޑަށް ދައްކުވައިދިން މީހަކަށް ވިޔަސް ކެމެރާގެ ފުރަގަހުގައި އޭނާއަކީ މުޅިން ތަފާތު މީހެއް ކަމަށެވެ.
މީގެ 20 އަހަރު ކުރިން އޭނާއަކީ އެކްޓަރަކަށް ވެސް އަދި ޕްރޮޑިއުސަރަކަށް ވެސް ނޫނެކޭ ބުނަން ޖެހިލުންވި މީހެއް ނަމަވެސް އެކަން މިއަދު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ވިދްޔާ ބުންޏެވެ.
މީގެ އަހަރުތަކެއް ކުރިން އެކްޓަރު އަކްޝަޔޭ ކަންނާއާއެކު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބަތަލާއަށް ލިބުނުއިރު ކޮންމެވެސް ސަބަބަކާ ހުރެ އެ ފިލްމުގައި މަސައްކަތްކުރަން އޭރު ބޭނުންނުވި ކަމަށް ވިދްޔާ ވަނީ ބުނެފައެވެ.

ވިދިޔާ ބާލަން އެކްޓަރު ޖޯން އަބްރަހަމްއާ އެކު--ފޮޓޯ/ޕިންކްވިލާ
ނަމަވެސް އެ ވާހަކަ އަކްޝަޔޭ ކަންނާ ގާތު ބުނަން ނުކެރިގެން އެންމެފަހުން އެ މަސައްކަތް ހަވާލުކުރީ ބަތަލާގެ މެނޭޖަރާ ކަމަށް ވިދްޔާ ވަނީ ބުނެފައެވެ. އެ ހިސާބުން އެކަން ނިމުނީ ނޫން ކަމަށާއި ވިދްޔާ އާއި އަކްޝަޔޭ އެކީގައި ފަހުން މަސައްކަތްކުރި ފިލްމު "ސަލާމް-އޭ-އިޝްގް"ގެ ފިލްމު ސެޓުގައި އެ މައުޟޫއު އަނެއްކާވެސް ފެންމަތިވި ކަމަށް ވިދްޔާ ވަނީ ބުނެފައެވެ.
އެދުވަހު އެތަނުން ވެސް ސަލާމަތްކޮށްދިނީ އެކްޓަރު ޖޯން އަބްރަހަމް ކަމަށް ވިދްޔާ ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އެފަދަ ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ބަތަލާއަށް ލިބި އަމިއްލަ ނަފުސަށްކުރާ އިތުބާރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ފިލްމު "ކަހާނީ"ގެ ބަތަލާ ވަނީ ބުނެފައެވެ.
ވިދްޔާގެ އެންމެފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަދި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޫލް ބުލައްޔާ 3"އެވެ.