އިންޑިއާގެ ފިލްމު ފެޑެރޭޝަނުން ބްލެކްލިސްޓްކޮށް ބޮއިކޮޓް ކުރުމަށް ގޮވާލަމުން އަންނަ ލަވަކިޔުންތެރިޔާ، އެކްޓަރު ދިލްޖީތު ދޮސާންޖަކީ އަމިއްލަ ވަޠަންދެކެ ވަރަށް ލޯބިވާ މީހެއް ކަމަށް ފިލްމު ޕްރޮޑިއުސަރު އިމްތިއާޒު އަލީ ބުނެފިއެވެ.
އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ދިލްޖީތާ އެކު ފިލްމު "އަމަރު ސިންގް ޗަމްކީލާ"ގައި މަސައްކަތްކޮށްފައިވާ އެ ފިލްމުގެ ޕްރޮޑިއުސަރު އިމްތިއާޒު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެކްޓަރަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
ދިލްޖީތާ ދެކޮޅަށް ބަޔަކު މީހުން ފަށާފައިވާ ކެމްޕޭނާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް ދިލްޖީތަކީ އޭނާ ދަންނަ މީހަކަށް ވުމުން އެއީ އަމިއްލަ ވަޠަނަށް ލޯބި ހުރި އެކްޓަރެއްކަން ބުނަން ކެރިދާނެ ކަމުގައި އިމްތިއާޒު ވަނީ ބުނެފައެވެ.

ދިލްޖީތު އަދި އިމްތިއާޒު އަލީ އިންޑިއާގެ މަޝްހޫރު މިއުޒީޝަން އޭއާރު ރަހްމާނާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ މިހާތަނަށް ބާއްވާފައިވާ މިއުޒިކް ކޮންސެޓުތަކުން ވެސް އެއީ އަމިއްލަ ޤައުމަށް އިހުތިރާމުކުރާ ޤައުމު ދެކެ ލޯބިވާ މީހެއްކަން އެނގޭނެ ކަމަށް އިމްތިއާޒު ވަނީ ބުނެފައެވެ.
ހަމައެއާއެކު ދިލްޖީތަކީ އޭނާގެ ކޮންމެ މިއުޒިކް ކޮންސެޓެއްގައި ވެސް އިންޑިއާގެ ދިދައާ އެކު ސްޓޭޖަށް އަރާ ތަރިއެއް ކަމަށް ފިލްމު "ޖަބް ވީ މެޓް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ދިލްޖީތަކީ ''ދެ ފުށް ކެހެރި'' މީހެއް ނޫން ކަމަށާއި އޭނާ އަކީ އަބަދުވެސް ގޮތުގައި ހުންނަ ޕަންޖާބުގެ ރައްޔިތުން ފަޚުރުވެރިވާ ފަދަ ފަންނާނެއް ކަމަށް މި އިންޓަވިއުގައި އިމްތިއާޒު ވަނީ ބުނެފައެވެ.
ދިލްޖީތުގެ ފިލްމުގައި ޕާކިސްތާނު ފިލްމީ ތަރިން ހިމަނާފައިވާތީ އެކަމާ ގުޅޭގޮތުން އިމްތިއާޒު ބުނެފައި ވަނީ، ފިލްމެއްގައި ހިމަނާނެ ތަރިން ހަމަޖައްސަނީ އެ ފިލްމުގެ ލީޑް އެކްޓަރު ނޫން ކަމަށެވެ.
އެހެންވެ އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް ގާތުން ދިލްޖީތު ދަންނަ ކޮންމެ މީހަކަށް ވެސް އެއީ އަމިއްލަ ޤައުމު ދެކެ އިންތިހާއަށް ލޯބިވާ މީހެއްކަން ގަބޫލުކުރާނެ ކަމަށް އިމްތިއާޒު ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ބަތަލާ ހާނިއާ އާމިރު މުހިއްމު ރޯލް ކުޅޭ ދިލްޖީތުގެ ފިލްމު "ސަރުދާރު ޖީ" އިންޑިއާއިން ބޭރުގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު ބޮލީވުޑްގެ ފިލްމު "ބޯޑާ 2"އިން ދިލްޖީތު ވަކި ކުރުމަށް ފިލްމު ފެޑެރޭޝަނުން ވަނީ ގޮވާލާފައެވެ.
ނަމަވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އެ ފިލްމުން ދިލްޖީތު ވަކިކުރުމުގެ ވިސްނުމެއް ފިލްމުގެ ޕްރޮޑިއުސަރުން ނުގެންގުޅޭ ކަމަށެވެ.