ބަތަލާ އިލިއާނާއަށް އަނެއްކާ ވެސް ފިރިހެން ކުއްޖެއް

ބޮލީވުޑް އަދި ސައުތު ސިނަމާގެ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ އިލިއާނާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ބަރްފީ"އިން 2012 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ސައުތު ސިނަމާގެ ބަތަލާ އިލިއާނާއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

އެމެރިކާއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ މައިކަލް ދޮލަންއާ ކައިވެނި ކުރުމަށްފަހު ބަތަލާއަށް އަލަތު ދަރިފުޅު ލިބިފައި ވަނީ 2023ގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހެވެ.

އަލަތު ދަރިފުޅަށްފަހު އިލިއާނާ ފާހަގަ ކުރެވުނީ ފިލްމު އިންޑަސްޓްރީއާ ވަރަށް ދުރުގައި އުޅެމުން އައި ބަތަލާއެއްގެ ގޮތުގައެވެ. ނަމަވެސް ބަތަލާގެ އަމިއްލަ ދިރިއުޅުމުގެ ހާއްސަ ދުވަސްތަކާއި ކަންކަން އައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކުރަމުންނެވެ.

އިލިއާނާ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން މި އަހަރުގެ ފެބްރުއަރީ މަހުތެރޭ އިއުލާނުކުރިއިރު ފިލްމީ މަސައްކަތްތަކަށް އެނބުރި އާދެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ އިލިއާނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯ އަދި ބަތަލާ ބަނޑު ބޮޑުއިރުގެ ފޮޓޯއެއް -- ފޮޓޯ / ހިންދުންސްތާން ޓައިމްސް

ދެވަނަ ދަރިފުޅު ލިބުނުކަން އިއުލާނުކޮށް ބަތަލާ ކުރި ސޯޝަލްމީޑިއާ ޕޯސްޓުގައި ބުނެފައި ވަނީ އެ މީހުންގެ ހިތްތައް ލޯބިން ފުރިފައިވާ ކަމަށެވެ. ދެވަނަ ދަރިފުޅުގެ ފޮޓޯއެއް ވެސް ސަޕޯޓަރުންނަށް ދައްކާލިއިރު ދަރިފުޅުގެ ނަމަކަށް ކިޔާފައި ވަނީ ކިއާނޫ ރަފޭ ދޮލަންއެވެ.

ފިލްމު "ހެޕީ އެންޑިން"، "މޭ ތެރާ ހީރޯ"، "ރުސްތޮމް"، "ރެއިޑް" އަދި "ބާދްޝާހޯ" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ވަނީ މީގެކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ. ފޮޓޯގްރާފަރު އެންޑްރޫ ނީބޯންއާ އެކު ކުރެވުނު ކައިވެނި ރޫޅުނީ 2019 ވަނަ އަހަރެވެ.

ދެ މީހުންގެ ގުޅުން ނިމުމަކަށް އައިރު އެންޑްރޫއާ ކައިވެނިކޮށްގެން އުޅުނުކަން ކަން ސީދާ އިލިއާނާ ހާމަކޮށްފައެއް ނުވެއެވެ. އިލިއާނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މިދިޔަ އަހަރު ރިލީޒްވި ފިލްމު "ދޯ އޯރު ދޯ ޕިޔާރު"އިންނެވެ.

comment ކޮމެންޓް