21 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގެ ތަށި އިނގިރޭސީން ދިފާއު ކޮށްފި

ސްލޮވާކިއާގައި ބޭއްވި 21 އަހަރުން ދަށުގެ, ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިނގިރޭސި ވިލާތުން ހޯދައި, މި މުބާރާތުގެ ތަށި އެ ޓީމުން ދިފާއު ކޮށްފިއެވެ.

މި މުބާރާތުގެ ތަށި އިނގިރޭސީން ކާމިޔާބު ކޮށްފައިވަނީ ރޭ ބްރަޓިސްލާވާގެ ސްޓޭޑިއޮން ޓެހެލްނޭ ޕޯލްގައި ކުޅުނު ފައިނަލް މެޗުގައި ޖަރުމަނުވިލާތާ ބައްދަލުކޮށް ތިން ލަނޑު ދެ ލަނޑުންނެވެ. އެއީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރުވުމުން އިތުރު ވަގުތު ކުޅެ ގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ އިނގިރޭސީންގެ ފަރާތުންނެވެ. މި ގޮތުން މި މެޗުގެ ފެށުން ދިޔައީ އިނގިރޭސީން އެންމެ ބޭނުންވި ގޮތަށެެވެ. އެއީ މެޗުގެ ފަސް ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި މުބާރާތުގައި ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިން ހާވީ އެލިއޮޓްއެވެ. އަދި މެޗުގެ 24 ވަނަ މި ނެޓުގައި އަޮމަ ހަޗިސަން ކާމިޔާބު ކޮށްދިން ލަނޑާއެކު އިނގިރޭސީން ދެ ލަނޑުގެ ލީޑެއް ނަގާ ހަމަޖެހިލިއެވެ.

މި މެޗުގައި ޖަރުމަނުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށް ދެޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކޮށްދިނީ ނެލްސަން ވެއިޕާއެވެ. މި މެޗުގެ ނަތީޖާ ޖަރުމަނުން ހަމަހަމަ ކުރި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕޯލް ނެބެލްއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށް ނެބެލް ފޮނުވާލި ހަމަލާއެއް ވަނީ އިންގްލަންޑް ގޯލްގެ ދަނޑިއަށް ވެސް އަމާޒު ވެގެން ގޮސްފައެވެ. މި މެޗުން އިންގަލެންޑް މޮޅުވީ ފުރިހަމަ ވަގުތު އެއްވަރު ވެގެން ނިމުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ފެށިތާ ދެ ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިތުރު ވަގުތުގައި ކުޅެން އެރި ޖޮނަތަން ރޯއެވެ.

މި ކާމިޔާބީ އާއެކު އިންލަންޑްއިން މި ވަނީ މީގެ ދެ އަހަރު ކުރިން ކާމިޔާބު ކުރި އަންޑާ ޓުވެންޓީ ވަންގެ މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބު ކޮށްފައެވެ. އިންގްލަންޑަށް މިތަށި ޖެހިޖެހިގެން އެންމެ ފަހުން ކާމިޔާބު ކުރެވިފައިވަނީ 1982 ވަނަ އަހަރާއި 1984 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި މި ފަހަރު މުބާރާތް އިންގްލަންޑަށް ހާއްސަ ވެގެންދަނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކަކާ ނުލާ ކުޅެ ތަށި ދިފާއު ކުރެވުމުންނެވެ.

މި ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންކަމަށްވާ ލިއަމް ޑެލަޕް، ޖެމީ ގިޓެންސް، އެޑަމް ވޯޓަން، ޖޯބް ބެލިންހަމް، ޓޭލާ ވުޑް ބެލިސް އަދި ޖެރޮޑް ބްރަންތުވެއިޓު ތަފާތު ސަބަބު ތަކަށްޓަކައި މި ފަހަރުގެ މުބާރާތުގައި ބައިވެރިވެވޭގޮތެއް ނުވިއެވެ.

comment ކޮމެންޓް