މި އަހަރު ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އަތޮޅު ބުރުގެ ކޮލިފައިން ހޯސްޓުކުރަން ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މިދިޔަ އަހަރު މި މުބާރާތް ބޭއްވިއިރު، ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ރަށްތަކާއި ސިޓީތަކުން ވަނީ ވާދަކޮށްފައެވެ. އެފަހަރު މުބާރާތް ބޭއްވި ސެންޓްރަލައިޒްކޮށް މާލޭގައެވެ.
މިއަހަރު ބާއްވަން ތައްޔާރުވާ މުބާރާތް ބާއްވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮލިފައިން ބުރުތަކެއްގެ ގޮތުގައެވެ. މި ބުރުތަކުން ހޮވޭ ޓީމުތަކަށް މާލޭގައި ބާއްވާ ބޮޑު މުބާރާތުން ފުރުސަތު ލިބިގެންދާނެއެވެ.
ގޯލްޑް ކަޕް އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި މިއަހަރު 28 ޓީމަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން ބޮޑު މުބާރާތުގައި ކުޅޭ 18 ޓީމު ހޮވުމަށް ހަމަޖެހިފައިވަނީ ކޮލިފައިން ބުރުންނެވެ.
ގޯލްޑް ކަޕް ބާއްވާ ނައިންޓީ ޕްލަސްއިން ބުނީ ކޮންމެ އަތޮޅަކުންވެސް ހުށަހަޅާ އެންމެ ރަނގަޅު ޕްރޮޕޯސަލަށް ބަލައި، އެ އަތޮޅެއްގެ ކޮލިފައިން ބާއްވައިދިނުމުގެ ފުރުސަތު އެ ރަށަކަށް ލިބޭނެ ކަމަށެވެ. ޕްރޮޕޯސަލްތައް ފޮނުވާނީ [email protected] އަށެވެ.
މިއަހަރުގެ ބޮޑު މުބާރާތުގެ ފުރުސަތު 10 ޓީމަކަށް މިހާރުވެސް ވަނީ ޔަގީންވެފައެވެ. އެއީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އަށް ޓީމުގެ އިތުރުން، މިފަހަރު ކުޅުދުއްފުށީ ސިޓީ އާއި ތިނަދޫ ސިޓީން ނެރޭ ޓީމަށެވެ. އެ ދެ ސިޓީން ޓީމެއް ނެރުމުގެ ދައުވަތު މިހާރު ދީފައިވާކަމަށް ނައިންޓީ ޕްލަސްއިން ބުނެއެވެ.
ޖުމުލަ 28 ޓީމާއެކު މިއަހަރު ބާއްވާ މުބާރާތުގައި ޓީމުތައް ބަހާލެވޭނީ ހަތް ގުރޫޕަށެވެ. އަދި ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ދެވަނަ ބުރަށް ކަނޑައަޅާފައިވާ ގަދަ 16 ޓީމުގެ ޖާގަ ހޯދުމަށް، ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވާނެއެވެ.
މީގެ އިތުރުން، ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވާ ދެ ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު ލިބޭނެއެވެ.
ނައިންޓީ ޕްލަސްއިން ގޯލްޑް ކަޕް މުބާރާތް ބާއްވަން މަސައްކަތްކުރަނީ މި އަހަރުގެ ފަހުކޮޅަށެވެ.