ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެން ހަވާލުވާ ހިންގާ ކޮމިޓީއަކަށް ކުރިމަތިލާން ޖެހޭނީ ގޮންޖެހުން ބޮޑު ކަންތައްތަކެއް ކަމަށާއި ބައެއް ލިޔެކިޔުން ނެތްކަމަށް އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީރުމާގައި އިއްޔެ ބޭއްވި އެފްއޭއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މައިގަނޑު ދެ ކަމެއް ފާހަގަ ކުރައްވައިފައެވެ.
އެއް ކަމަކީ ހުޅުމާލޭން 2022 ވަނަ އަހަރު އެފްއޭއެމްއަށް 25 އަހަރަށް އެއްވެސް ކުއްޔަކާ ނުލައި ދީފައިވާ ބިމެވެ. އެޗްޑީސީން މަޝްވަރާކޮށްފައިވަނީ، ދެ ލައްކަ ތިރީސް ހާސް އަކަފޫޓްގެ މި ބިމުގެ 28،000 އަކަފޫޓަކީ ކުލި ހިނގާ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. އެޗްޑީސީން ނިންމީ ދިހަ ރުފިޔާގެ ރޭޓުން އަކަފޫޓަކަށް ކުލި ހިނގާ ގޮތަށެވެ.
ނަމަވެސް ފެންނަން ހުރި ލިޔުންތަކުން ދައްކާ ގޮތުން އެފްއޭއެމުން އެ ތަނަށް ކުލި ނުދައްކައެވެ. އޭގެ ބަދަލުގައި އިތުރު ބަޔަކަށް އެތަން ކުއްޔަށް ދިންއިރު ދީފައިވަނީ ދިހަ ރުފިޔާއަށްވުރެ ކުޑަ ރޭޓެއްގައެވެ.
"ބައެއް ފަރާތްކަަށް އެ ބިން ދީފަ އެބަހުރި 40 އަހަރު ދުވަހުގެ މުއްދަތަށް، ކުލި ވަނީ އެއްފަހަރާ ނަގާފައި،" މުއިއްޒު ވިދާޅުވިއެވެ.
މިކަންކަން ފެންމަތިވުމާއެކު އެޗްޑީސީން އެފްއޭއެމާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރަން ވެސް ނިންމިއެވެ. ނަމަވެސް އެފްއޭއެމުގެ އެދުމަށް އެ ބިން އެފްއޭއެމަށް އަނބުރާ ދޭން ނިންމުމަށްފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ.
މި ބިން އަނބުރާ އެފްއޭއެމަށް ލިބޭނެކަމުގެ ޔަގީންކަން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ދެއްވި ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ 2023 ވަނަ އަހަރު ފުލުހުން އެފްއޭއެމް އޮފީހަށް ވަދެ ބަލާފާސްކުރުމުގެ ތެރޭގައި ގެންގޮސްފައި ހުރި ހުރިހާ ލިޔުންތަކެއް މުޅިން އަނބުރާ ލިބިފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން ކުރިމަތިލާން ޖެހުނު ދަތިތަކާއެކު ނިމިގެންދިޔަ ކޮންގްރެސްއަށް ރިޕޯޓްތައް ތައްޔާރުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
ފެންނަން ހުރި ލިޔުންތަކުން ދައްކާ ގޮތުން އެފްއޭއެމުން އެތަނަށް ކުލި ދައްކާފައިނުވާއިރު މި މައްސަލަ މި ވަގުތު ސިވިލް ކޯޓުގައި ދަނީ ކުރިއަށެވެ.
މީގެއިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކުގެ މައްސަލައިގައި ދެކުނު ކޮރެއާގެ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް ކުންފުންޏަށް އެފްއޭއެމް އިން ދައްކަން ޖެހޭ ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގެ މައުލޫމާތާއި، މާފަންނު ސްޓޭޑިއަމްގައި ފީފާ ފޯވާޑް ޕްރޮޖެކްޓްގެ ތެރެއިން ގާއިމްކުރާ އިމާރާތްތަކުގެ ތެރެއިން ބައެއް ކަންކަން ހުރި ނެތް ގޮތެއް ލިޔެކިޔުން ފެންނަން ނެތްކަމަށް ވެސް ވިދާޅުވިއެވެ.
އެފްއޭއެމުގެ ނޯމަލައިޒިން ކޮމިޓީން މިހާރު މަސައްކަތްކުރަނީ ޖުލައި 26ގައި އެ އިދާރާގެ އިންތިޚާބު ބޭއްވުމަށެވެ.