30،000 ރުފިޔާގެ މުސާރައާއި ސިއްހީ އިނާޔަތާއެކު އެމްޓީސީސީއަށް ކައްކާއެއް ހޯދަނީ

އެމްޓީސީސީން ގެނައި އައު ކޮންނަބޯޓު "މަހާޖައްރާފު": 30،000 ރުފިޔާގެ މުސާރައާއި ސިއްހީ އިނާޔަތާއެކު އެމްޓީސީސީއަށް ކައްކާއެއް ހޯދަން އިއުލާނުކޮށްފި --- ފޮޓޯ/ ފުނަދޫ ކައުންސިލް

ސިއްހީ އިނާޔަތާއެކު މަހު މުސާރައަށް 30،000 ރުފިޔާ ދޭ ގޮތަށް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސިސީ)އަށް ކައްކާއެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ، ކައްކާއެއް ހޯދަނީ އެ ކުންފުނީގެ 'ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަން'އަށް ކަމަށެވެ. އެގޮތުން އެ ކުންފުނިން ކައްކާއެއް ހޯދަނީ މަސައްކަތަށް ބޭނުންކުރާ ކޮންނަބޯޓު ކަމަށްވާ މަހާޖައްރާފުގައި މަސައްކަތްކުރުމަށެވެ.

އެ މަގާމުގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 30،960 ދިވެހި ރުފިޔާއެވެ. މުސާރައިގެ އިތުރުން ސިއްހީ އަދި ޕެންޝަން އިނާޔަތް ލިބޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ މަގާމަށް މީހަކު ހޮވުމުގައި ބަލާ ޝަރުތުތަކަކީ ކަނޑުމަތީގައި ކައްކާ މީހެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ސެޓިފިކޭޝަން އެންޑް ވޮޗްކީޕިން ފޯ ސީފެއަރާސް (އެސްޓީސީޑަބްލިއު) މެނިލާ 2010 ގެ ދަށުން ހުރިހާ ސެޓްފިކެޓްތަކެއް ހުރުމެވެ.

މަގާމުގެ މަސްއޫލިއްޔަތުތައް:

  • ކްރޫއަށް ކެއުން ތައްޔާރުކުރުން
  • ކާބޯތަކެތި ތައްޔާރުކުރުމާއި ރައްކާކުރުމުގެ ހުރިހާ ކަމެއްގައި ސާފުތާހިރުކަމުގެ ރަނގަޅު މިންގަނޑުތައް ބެލެހެއްޓުން.
  • މަސައްކަތްކުރާ ބޯޓުގެ ކައްކާބައި ސާފުކުރުމާއި ކެއުންތައް ތައްޔާރުކުރުމާ ބެހޭގޮތުން ތަނުގެ މާސްޓަރާއި މަޝްވަރާކުރުން.
  • ކެއުންތައް ތައްޔާރުކުރުމުގައި ކެއުންތަކުގެ ފެންވަރު ކަށަވަރުކުރުން.
  • ބޯޓުގެ ކައްކާބައި އަދި ޕްރޮވިޝަން ސްޓޯ ރަނގަޅަށް ބެލެހެއްޓުން.
  • މާސްޓަރާއި ގުޅިގެން ޕްރޮވިޝަން ސްޓޮކެއް ބެލެހެއްޓުން.
  • ޕްރޮވިޝަން އެޑްމިނިސްޓްރޭޝަން ބެލެހެއްޓުން.

އެމްޓީސީސީން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަންގާރަ ދުވަސް ކަމަށެވެ.

comment ކޮމެންޓް