މެސީގެ އިންޓާ މައޭމީ އަތުން ޕީއެސްޖީ ފަސޭހަ ކަމާއެކު މޮޅުވެ ކުއާޓާ ފައިނަލަށް

އިންޓާ މައޭމީ އަތުން ޕީއެސްޖީ ފަސޭހަ ކަމާއެކު މޮޅުވެއްޖެ --

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕުގައި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި އިންޓާ މައޭމީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް މިމުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ ޖާގަހޯދައިފިއެވެ.

އެޓަލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި 65،574 ބެލުންތެރިން ކުރިމަތީ ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މިއީ އިންޓާ މައޭމީގެ ކެޕްޓަން ލިއޮނެލް މެސީ ޕީއެސްޖީ ދޫކޮށް އެޓީމަށް ބަދަލުވިފަހުން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.

ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އާއި ދުނިޔެ ދުއް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ ކެޕްޓަން ކަމުގެ ދަށުން ކުޅެމުންދިޔަ އިންޓާ މައޭމީގެ މެޗަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވީ ނަމަވެސް މިމެޗުގެ ނަތީޖާ ނިކުންނާނެ ގޮތަކާ މެދު ސުވާލު އުފައްދާނެ މާގިނަ ބަޔަކު އުޅެނެ ހެނެއް ހިއެއް ނުވެއެވެ. އަދި މިމެޗުން އިންޓާ މައޭމީ މޮޅުވިނަމަ އެކަން ވާނީ މިފަހަރުގެ މުބާރާތުގެ އިތުރުން ފަހުގެ ތާރީހެއްގެ ކްލަބް ފުޓްބޯޅައިގާ ނިކުންނާނެ އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާ އަށެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ކަށިގަނޑާއެކު އެޓީމުން ހަމަލާއަށް އިސްކަން ދީގެން ކުޅެން ފެށިތަން ފެނުނެވެ. ޕީއެސްޖީއަށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރާކަން މާގިނަ ވަގުތެއް މަޑު ކުރާކަން ނުޖެހުނެވެ. މެޗުގެ ހަވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖާއޮ ނެވޭސް ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ނަގައިދީފައެވެ. މިމެޗުގައި ޕީއެސްޖީގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ފެނުނު ނަމަވެސް މިހާފުގައި ޕިއެސްޖީއިންވަނީ ގިނަ ހަމަލާ ތަކެއް އުފައްދާފައެވެ.

މިލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ނެވޭސްއެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އިންޓާ މައޭމީގެ ޓޮމާސް އަވިލޭސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު މިމެޗުން ނަތީޖާއެއް ހޯދުމަށް އިންޓާ މައޭމީ ކުރި އުންމީދު އިތުރަށް ހީނަރުވިއެވެ.

އަޝްރަފް ހަކީމީ ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޕީއެސްޖީއަށް 4 ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

ފުރަތަމަ ހާފާއެކު ގިނަ ބަޔެއްގެ ހިތުގާ އުފެދުނު ސުވާލަކީ ދެވަނަ ހާފުގައި އިންޓާ މައޭމީ ކޮޅަށް ޕީއެސްޖީއިން އިތުރު ކިތައް ލަނޑު ޖަހާތަން ފެންނާނެބާއޭއެވެ. އަދި މެސީ ތަފާތު ބޮޑު ލަދުވެތި ނަތީޖާ އަކުން ޕީއެސްޖީ ބަލިކޮށްލަފާނެބާވައެވެ.

ދެވަނަ ހާފުގައި އިންޓާ މައޭމީން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު ޕީއެސްޖީއަށް ލިބިފައިވި ބޮޑު ލީޑާއެކު ހަމަލާއަށް އިސްކަންދިން ނަމަވެސް ފުރަތަމަ ހާފުގައި ކުރި ވަރަށް މަސައްކަތް ކުރިތަނެއް ނުފެނުނެވެ. ނަތީޖާއަކަށްވީ މެޗުގައި ލަނޑެއް ނުޖެހި ގިނަ ވަގުތު ދިޔަ ވަރަކަށް އިންޓާ މައޭމީއަށް ހިތްވަރު އިތުރު ވެ ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރުމެވެ.

މިގޮތުން މިހާފުގައި އިންޓާ މައޭމީއަށް ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ލިބުނެވެ. މީގެތެރޭގައި މެސީ ފޮނުވާލި ދެ ހަމަލާއެއް ފާހަގަވިއެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް ޕީއެސްޖީގެ ގޯލާ ދިމާލުން ޕެނަލްޓީ އޭރިއާ ބޭރުން ހިލޭޖެހުމެއް ލިބުމާއެކު ބެލުންތެރިންގެ އަޑު ގަދަވެގެންދިޔައެވެ.

އެއީ މިހާހިސާބުން ލިބުނު ހިލޭޖެހުމެއް މިމުބާރާތުގެ ކުރީގެ މެޗެއްގައި މެސީ ކާމިޔާބު ކޮށްފައިވުމުންނެވެ. ނަމަވެސް މެސީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ކުރިމަތީ އެތުރިގެންތިބި ޕީއެސްޖީގެ ކުޅުންތެރިންގެ މައްޗަށް އެކުލެވުނު ފާރަށެވެ.

މިކާމިޔާބީ އާއެކު ޕީއެސްޖީ މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ކުއާޓާ ފައިނަލްގައި ޕީއެސްޖީއާ ބައްދަލުކުރާނީ ބަޔޭން މިޔުނިކާއި ފްލަމެންގޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. މިމެޗުން ބަލިވުމުން އިންޓާ މައޭމީ މިވަނީ މިމުބާރާތަށް އަލްވަދާއު ކިޔާފައެވެ.

މިއީ ކްލަބް ވޯލްޑް ކަޕުން މެސީ ފެނިގެންދާނެ ފަހު ފަހަރުކަން ގާތް ގަޑަކަށް ޔަގީނެވެ. ނަމަވެސް މިމެޗުގައި މެސީގެ ފަރާތުން ފެނުނު ކުޅުމަކީ އުމުރުން 38 އަހަރުގައި ފާހަގަ ކޮށްލެވޭ ވަރުގެ ކުޅުމެކެވެ.

comment ކޮމެންޓް