ސާފްގެ ފުރަތަމަ ''މެޗު ކޮމިޝަނަރު ވޯކްޝޮޕް''އަށް އައްޑޯއާއި ޝާހިރު

މެޗު ކޮމިޝަނަރު ޝާހިރު (ކ) އަދި އައްޑޯ (ވ) ގައި

ނޭޕާލްގެ ކަތުމަންޑޫގައި ބާއްވާ ފުރަތަމަ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ މެޗް ކޮމިޝަނަރުންގެ ވޯކްޝޮޕްގައި ރާއްޖެ ތަމްސީލުކުރާ ދެ ކޮމިޝަނަރުންނަށް ތަޖުރިބާކާރު ދެ މެޗު ކޮމިޝަނަރުން ކަމަށްވާ އަހުމަދު ޝާހިރާއި އަބްދުލް ހަމީދު އަބްދުލްޣަފޫރު (އައްޑޯ) ވެއްޖެއެވެ.

މާދަމާއާއި ބުދަ ދުވަހު ކުރިއަށްގެންދާ ފުރަތަމަ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ މެޗް ކޮމިޝަނަރުންގެ ވޯކްޝޮޕަކީ ސާފް ސެކްރެޓޭރިއޭޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

މި ރީޖަނަލް ވޯކްޝޮޕްގައި މެމްބަރު ގައުމުތަކުގެ މެޗް ކޮމިޝަނަރުން ބައިވެރިވާއިރު، ގިނަ މައުލޫމާތުތަކެެއް މި ވޯކްޝޮޕުން އެއްކުރާނެއެވެ.

އެގޮތުން މެޗުތަކުގައި މެޗު ކޮމިޝަނަރުން އެއްކުރާ މައުލޫމާތު ރަނގަޅުކުރުމަށާއި ބެސްޓް ޕްރެކްޓިސްތައް ބަދަލުކުރުމާއި ދެކުނު އޭޝިއާގެ އެކި ކަންކޮޅުތަކުގައި މެދުނުކެނޑި މެޗުތައް ކުރިއަށްގެންދާނެ އުސޫލެއް ކަނޑައެޅުން ހިމެނެއެވެ.

މި ވޯކްޝޮޕަކީ ޕްރޮފެޝަނަލް ސްޓޭންޑަޑްތައް އިތުރުކުރުމަށާއި ފުޓްބޯޅަ ހިންގުމުގައި ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އައްޑޯ އަދި ޝާހިރު ވަނީ ފާހަގަކޮށްފައެވެ.

އައްޑޯއާއި ޝާހިރު ވަނީ އޭޝިއާ ބައްރުގެ ބޮޑެތި މުބާރާތްތަކާއި ވަރުގަދަ މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ކޮށްފައެވެ. އެގޮތުން އޭޝިއާގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭޝިއަން ޗެމްޕިއަންޝިޕުގެ ލީގުގެ ފައިނަލް މެޗުގެ މެޗު ކޮމިޝަނަރުގެ ގޮތުގައި އައްޑޯ އަދި ސެމީ ފައިނަލުގެ ކޮމިޝަނަރަކަށް ޝާހިރު ވަނީ 2019 ގައި ހަމަޖައްސާފައެވެ.

އައްޑޯ ވަނީ 2010 ވަނަ އަހަރު އޭއެފްސީން ހޮވާ އަހަރުގެ އެންމެ މޮޅު މެޗު ކޮމިޝަނަރުގެ އެވޯޑްވެސް ހޯދާފައެވެ. ޝާހިރު ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ފައިނަލުގައި އަދި 2008 އާއި 2012 ވަނަ އަހަރުގެ އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކޮމިޝަނަރުކަން ކޮށްފައެވެ.

މެޗު ކޮމިޝަނަރުގެ މަގާމަކީ ފުޓްބޯޅަ މެޗެއްގެ އެންމެ ޒިންމާ ބޮޑު މަގާމެވެ. ޚާއްސަކޮށް ބައިނަލްއަގްވާމީ މެޗުތަކުގައި، މެޗުގެ ހުރިހާ ޒިންމާއެއް ނަގާނީ މެޗު ކޮމިޝަނަރެވެ.

comment ކޮމެންޓް