ފިލްމު "ލަވްޔާތުރީ"އިން 2018 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ޒުވާން އެކްޓަރު އާޔޫޝް ޝަރުމާއަށް ދިމާވި ސިއްހީ މައްސަލަތަކަކާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދީ، ބޮޑު ދެ ސާޖަރީއެއް ނިންމައިފިއެވެ.
މީގެ އަހަރުތަކެއް ކުރިންސުރެ ބުރަކަށްޓަށް ވާން ފެށި ތަދު އެއީ މާބޮޑު ކަމަކަށް ނުހަދައި އެކަމާ ފަރުވާކުޑަކޮށްފައިވާ ކަމަށް އާޔުޝްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ބުނެފައިވެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން އެންމެފަހުން ޖެހުނީ ބުރަކަށީގެ ވޭންދެނިވި ދެ ސާޖަރީއެއް ހެދުމަށް ކަމަށާއި އަމިއްލަ ސިއްހަތާ މެދު މާބޮޑަށް ފަރުވާ ކުޑަކުރެވުނީ ކަމަށް އާޔުޝް ވަނީ ބުނެފައެވެ.
ސަލްމާން ޚާންގެ ކޮއްކޮ އަރުޕިތާގެ ފިރިމީހާ އާޔުޝް އަކީ ވަރަށް ފިޓުކޮށް ހުންނަ ކަސްރަތު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭ އެކްޓަރެއް ކަން ފާހަގަކުރެވެއެވެ.

އާޔުޝް ބަތަލާ ނެހާ ޝަރުމާއާ އެކު ކުޅުނު މިއުޒިކް ވީޑިއޯ 'ޕެހެލީ ޕެހެލީ ބާރިޝް"ގެ މަންޒަރެއްގައި--ފޮޓޯ/ދަސްޓޭޓްސްމަން
އާޔުޝްއަށް ބުރަކަށީގެ މައްސަލަތަކެއް ދިމާވެފައިވާތާ އަހަރުތަކެއްވެފައިވީ ނަމަވެސް ގިނަ މީހުން އަމަލުކުރާ ގޮތަށް އޭނާއަށް ވެސް އެކަމަށް ފަރުވާކުޑަކުރެވުނީ ކަމަށާއި ނަމަވެސް ވަގުތު ޖެހުނުއިރު ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ނަމަވެސް ބަނޑުގައި ފެންނަން ހުންނަގޮޅިތަކަކީ ފުރިހަމަ ސިއްހަތެއްގައި ތިމާހުރިކަން ދައްކުވައިދޭ ކަމެއް ނޫން ކަމަށާއި ހަށިގަނޑުގެ އެތެރޭގައި ހިނގާ ކަންކަން ވަރަށް މުހިއްމު ކަމަށް އާޔުޝް ވަނީ ބުނެފައެވެ.
އެހެންކަމުން ގަވައިދުން ސިއްހީގޮތުން ހަދަންޖެހޭ މެޑިކަލް ޗެކްއަޕްތައް ހެދުމަށް ސަމާލުކަންދީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަމިއްލަ މީހާގެ ހަށިގަނޑަށް ފަރުވާތެރިވުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އާޔުޝް ވަނީ ފާހަގަކޮށްފައެވެ.
ފިލްމު "އަންތިމް: ދަ ފައިނަލް ޓްރުތް" އަދި "ރުސްލާން"އިން ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެނުނު އެކްޓަރު އެންމެ އަވަހަށް ފެންނާނީ އަދި އިއުލާނު ނުކުރާ "ކްވާތާ" ކިޔާ ފިލްމަކުންނެވެ.
މިއީ ވެސް ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. އާޔުޝްގެ ބުރަކަށްޓަށް ތަދެއް އަރައި ސިއްހީ މައްސަލަތަކެއް ދިމާވީ ވެސް މި ފިލްމުގެ ސްޓަންޓް ސީންއެއްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.