މިދިޔަ މެއި މަހުގެތެރޭ ޑެންގޫ ބަލި ޖެހި ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލި ބޮލީވުޑް އެކްޓަރު އިމްރާމް ހާޝިމީ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުމެއްޖެއެވެ.
އިމްރާނަށް ޑެންގޫ ބަލި ޖެހުނީ އެކްޓަރު މުހިއްމު ރޯލެއް ކުޅޭ ފުރަތަމަ ތެލުގޫ ފިލްމު "އޯޖީ"ގެ މަސައްކަތުގެތެރޭގައި އުޅެނިކޮށެވެ. އެނބުރި އެ ފިލްމުގެ ސެޓަށް އިމްރާން ނުކުމެފައި ވަނީ ޑެންގޫ ބައްޔަށް އެއް މަސްދުވަސް ވަންދެން ފަރުވާ ހޯދުމަށްފަހުއެވެ.
އިމްރާންގެ ރަސްމީ ސޯޝަލްމީޑިއާގައި އޭނާ ބުނެފައި ވަނީ ބަލިން ރަނގަޅުވެ އެނބުރި ފިލްމު ސެޓަށް ނުކުމެފައިވާ ކަމަށެވެ. ފިލްމު ސެޓަށް އާދެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރިކަމަށާއި ޑެންގޫއިން ރިކަވާވުމަށް ވަގުތު ނެގި ކަމަށް އިމްރާން ވަނީ ބުނެފައެވެ.

އެކްޓަރު އިމްރާން ހާޝިމީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "އޯޖީ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް
މުމްބާއީގެ ގޮރެގައޮންގައި ހުންނަ އާރޭ ކޮލޮނީގައި ކުރިއަށްދިޔަ "އޯޖީ" ޝޫޓިންގްތެރޭ ހުއްޓާ ޑެންގޫ ބައްޔަށް ފައްސިވިކަން އެނގުމާ އެކު އެކްޓަރު ވަނީ ފިލްމީ މަސައްކަތްތަކުން ދުރަށްޖެހިފައެވެ. ފިލްމު "އޯޖީ"އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އާރްއާރްއާރް" ފިލްމު ޕްރޮޑިއުސްކުރި ޑީވީވީ އެންޓަޓެއިންމަންޓް އަދި ފިލްމު "ސާހޯ"ގެ ޑައިރެކްޓަރު ސުޖީތު ގެނެސްދޭ ފިލްމެކެވެ.
އިމްރާން ވިލެންއެއްގެ ރޯލުން ފެންނާނެ "އޯޖީ"އަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުން އިމްރާނާ އެކު ފެންނާނެ އިތުރު ތަރިންގެތެރޭ ސައުތު ސިނަމާގެ އެކްޓަރުން ކަމަށްވާ ޕަވަން ކަލްޔާން އަދި ޕްރިޔަންކާ މޯހަން ހިމެނެއެވެ.
ފިލްމު "މާޑާ" އަދި "އާވާރާޕަން"ގެ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އޭޕްރިލް މަހު ރިލީޒްކުރި ވަޠަނީ ފިލްމު "ގްރައުންޑު ޒީރޯ"އިންނެވެ. މި ފިލްމު މިހާރު އެމޭޒަން ޕްރައިމް މެދުވެރިކޮށް ބެލުންތެރިންނަށް ބަލައިލެވޭނެއެވެ.