ޕަރޭޝް އުނބަށް ޖަހައި، އަލުން 'ހެރާ ޕެރީ 3'ގެ ޓީމާ ގުޅިއްޖެ

އަކްޝޭ ކުމާރު ޕަރޭޝް ރާވަލް އަދި ސުނިލް ޝެޓީ ފިލްމު "ހެރާ ޕެރީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ދޭތެރެއިން އިންޑިއާގެ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދި އެއް ޚަބަރަކީ ފިލްމު "ހެރާ ޕެރީ 3"އިން ވަކި އެއްޗެއް އެންގުމަކާ ނުލައި އެ ފިލްމުގެ މުހިއްމު އެއް އެކްޓަރު ޕަރޭޝް ރާވަލް ފިލްމުން ވަކިވި ޚަބަރެވެ.

ޕަރޭޝް ކުއްލި ގޮތަކަށް ފިލްމުން ވަކިވުމާ ގުޅިގެން އެ ފިލްމުގެ ޑައިރެކްޓަރު ޕްރިޔާދަރުޝަންއަށް ހައިރާންކަމެއް ލިބުނުއިރު ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ އެ ފިލްމުގެ އެކްޓަރު އަކްޝޭ ކުމާރަށް އެ ޚަބަރު ގަބޫލުކުރަން ވެސް ދަތިވިއެވެ.

ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ފިލްމަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވުމާއެކު ބަދަލު ހޯދުމުގެ ގޮތުން ޕަރޭޝްއަށް ދައުވާކުރާނެކަން ވެސް އަކްޝޭ ވަނީ އޭރު އިއުލާނުކޮށްފައެވެ.

ނަމަވެސް އޭގެ ދުވަސްތަކެއް ކުރިން ޕަރޭޝް ވަނީ އޭނާގެ ޤާނޫނީ ވަކީލު މެދުވެރިކޮށް "ހެރާ ޕެރީ 3"ގެ ޓީމުން އެކްޓަރަށް ފީގެ ގޮތުގައި ދިން ފައިސާ އިންޓްރެސްޓާ އެކު އަނބުރާ ޕްރޮޑަކްޝަން ހައުސްއާ ހަވާލުކޮށްފައެވެ.

އަކްޝޭ ކުމާރު އަދި ޕަރޭޝް ޑައިރެކްޓަރު ޕްރިޔާދަރުޝަންއާ އެކު ފިލްމު "ބޫތުބަންގްލާ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ޕަރޭޝްއާ ނުލާ "ހެރާ ޕެރީ"ގެ ކުރީގެ ދެ ފިލްމުން ގެނެސްދިން ޖާދޫ ތިން ވަނަ ބައިން ގެނެސްދެވޭނެ ކަމާމެދު ބެލުންތެރިން ކަންބޮޑުވެފައި ތިއްބާ އަކްޝޭ ދާދިފަހުން ބުނެފައި ވަނީ ޕަރޭޝްއާ ނުލާވެސް "ހެރާ ޕެރީ 3" ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނަމަވެސް ދާދިފަހުން އެކްޓަރު ޕަރޭޝް ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި އެކްޓަރު ބުނެފައި ވަނީ "ހެރާ ޕެރީ 3"ގެ ޓީމާ ޖެހުނު މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. ފިލްމު "ހެރާ ޕެރީ"އަކީ އޭގައި ފެންނަ ތިން އެކްޓަރުންނަށް ވުރެ ބޮޑަށް ބެލުންތެރިންގެ ފިލްމެއް ކަމަށާއި ކާމިޔާބު ފިލްމެއް އޯޑިއަންސަށް ގެނެސްދިނުމަކީ ޕަރޭޝްގެ ވެސް ޒިންމާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެހެންކަމުން އެންމެފަހުން އޭނާ ނިންމީ ކުރީގެ ދެ ފިލްމު ގެނެސްދިން ގޮތަށް ތިން ވަނަ ފިލްމުގައި ވެސް ހުރިހާ އެންމެން ގުޅިގެން އެކީގައި މަސައްކަތް ކުރުމަށް ޕަރޭޝް ވަނީ ބުނެފައެވެ.

ޕަރޭޝް ފިލްމު "ހެރާ ޕެރީ 3"އާ ގުޅުނުކަން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް ޕަރޭޝް އެނބުރި އެ ފިލްމަށް އަންނަން ނިންމި ޚަބަރަކީ ބެލުންތެރިންނަށް ހަމަގައިމުވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މި ފިލްމުގެ މަސައްކަތް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެތެރޭގައެވެ.

comment ކޮމެންޓް