ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި، ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.
ސިންގަރޫޕުގެ ރައީސްގެ ދައުވަތަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް މުއިއްޒުގެ ދެކަނބަލުން އެ ގައުމަށް ވަޑައިގަތީ އިއްޔެއެވެ.
މި ޖާފަތުގައި ސިންގަޕޫރުގެ ރައީސްގެ ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެ ގައުމުގެ ތަޖުރިބާތަކުން ކޮންމެ ގައުމަކަށް ވެސް ހާސިލް ކުރެވިދާނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް -- ފޮޓޯ/ ރައީސް އޮފީސް
އެ ގޮތުން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާއި، މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ މީގެ ބައެއް މިސާލުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި، ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ ވާހަކަތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް އެ މަނިކުފާނު މަރުހަބާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ލޮޅުންތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ޝަންމުގަރަނަމް ވަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި، ޚާއްސަކޮށް، މޫސުމީ ވިލުންތެރިކަމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒުވަނީ، އެ ގައުމުން އަދާކުރި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ފަރިއްކޮޅުގައި ސިންގަޕޫރާއި ރާއްޖޭގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިންގަޕޫރުގެ ރައީސްގެ ދެކަނބަލުން ރައީސް މުއިއްޒުގެ ދެކަނބަލުންނަށް ދެއްވި ޖާފަތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފިީސް
ރަސްމީ ފަރިއްކޮޅުގެ ކުރިން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީސް މުއިއްޒު ވަނީ ހަނދާނީ ސްޓޭމްޕެއް ނެރެދެއްވައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މިއަދުވަނީ އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގާއި ބައްދަލު ކުރައްވައިފައެވެ. އަދި ރާއްޖެއާއި ސިންގަޕޫރާ ދެމެދު، މުހިންމު ތިން ދާއިރާއަކުން ފަހުމުނާމާގައި ވެސް ސޮއިކުރިއެވެ.
މި ދަތުރުފުޅުގައި ކުރިޔަށްދާ މަތީ މަންތީގެ ބައްދަލު ކުރުންތަކުގައި ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެއެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދަނީ ޖޫން މަހުގެ 29 އިން އަންނަ ބުދައިގެ ނިޔަލަށެވެ.