ދެހާސް ތޭވީސް ވަނަ އަހަރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މަގާމު ހޯދައިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ފާއިތުވި ހަ މަސް ތެރޭ 303 މެންބަރުން މަދުވެފައިވާއިރު، އެ ޕާޓީގައި މީގެ ކުރިން އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އަށް 224 މެންބަރުން އިތުރުވެއްޖެއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ކޮންމެ ހަ މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކޮށް އާންމުކުރަންޖެހެއެވެ. އެގޮތުން އެންމެ ފަހުން ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ ޑިސެންބަރުގެ މަހުގެ ނިޔަލަށެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު 3،000 އެއްހައި މެންބަރުން ތިބި ޕީއެންސީގައި މިދިޔަ އަހަރުގެ ނިޔަލަށް 68،968 މެންބަރުން ތިއްބެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް އެ އަދަދު ވަނީ 68,665އަށް ދަށްވެފައެވެ.
އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އަދިވެސް ޕީއެންސީ އޮތްއިރު، މީގެ ކުރިން އެ މަގާމުގައި އޮތް އެމްޑީޕީގެ މެންބަރުންގެ އަަދަދަކީ 43,765އެވެ. އެއީ 24،900ގެ ފަރަގެކެވެ.
މިދިޔަ އަހަރުގެ އޭޕްރިލް 25ގައި ރަޖިސްޓްރީކުރި ޕީއެންއެފަށް މެންބަރުން ހަމަކުރަން ޔާމީން ފުރަތަމަ ކުރިއަށްގެންދެވި ހަރަކާތްތަކަށްފަހު، މެންބަރުން އިތުރުކުރަން މާ ގިނަ އިތުރު ހަރަކާތްތަކެއް އެ ޕާޓީން ނުހިންގައެވެ. ނަމަވެސް އެ ޕާޓީން އާންމު ގޮތެއްގައި ކޮންމެ ހަފުތާއަކު ދެ ފަހަރު ޖަލްސާތައް ބާއްވައި، ގައުމުގެ އިގުތިސާދާއި ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ޔާމީން ވާހަކަދައްކަވައެވެ.
ޕީއެންސީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމުގެ އުފާ ފާޅުކުރުން: އެ ޕާޓީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމް
ޖަލްސާތަކުން ބޭރުން ޕީއެންއެފުން ހަރަކާތްތައް ނުބާއްވާ ނަމަވެސް ފާއިތުވި ހަ މަސް ތެރޭގައި އެ ޕާޓީއަށް 224 މީހުން ސޮއިކޮށް، މެންބަރުންގެ އަދަދު ވަނީ 3,046އަށް އަރައިފައެވެ.
ޔާމީން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، މި ސަރުކާރު ވެރިކަމަށް އައީ ޔާމީންގެ ތާއިދާއެކުގައެވެ. އެއީ، މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ޔާމީން ވާދަކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، އެއިރު ޖަލު ހުކުމެއްގައި ހުންނެވުމުން އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން ޓިކެޓް ދޫކޮށްލައްވަން ޖެހިވަޑައިގަތުމުންނެވެ.
އެއަށްފަހު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވާދަކުރައްވައި ކާމިޔާބު ހޯއްދެވީއެވެ. އެ ކާމިޔާބީއާއެކު ފުރަތަމަ ވެސް ޔާމީން ޖަލުން ގޭބަންދަށް ބަދަލުކުރެއްވިއެވެ. ނަމަވެސް ވެރިކަމަށް ހަފުތާއެއް ވެސް ނުވަނީސް ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޔާމީން ކޯލިޝަން ދޫކޮށްލައްވައި ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީއެވެ.
އޭގެ ފަހުން ޕީޕީއެމް އުވާލާފައިވާއިރު، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ ޕާޓީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުމެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ މިދިޔަ އަހަރު ތެރޭގައި ވަރަށް ބޮޑުވެ، ޕީއެންސީއަށް ވެސް ގިނަ ތުހުމަތުތަކެއް އަމާޒުވިއެވެ.
އެގޮތުން، އައިޑީކާޑުތަކާއި ރައްޔިތުންގެ ލިޔެކިޔުން ބަލަހައްޓާ ޑީއެންއާރުގެ އޮފީސް އިމާރާތް ތެރޭގައި ޕީއެންސީއަށް ފޯމުފުރި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެކަންކުރާ ފޮޓޯތަކެއް ވެސް ވަނީ މީސްމީޑިއާގައި ލީކުވެފައެވެ.
ޕީއެންސީން ވެސް ވަނީ ބައެއް ސައްހަކަން ކަށަވަރުނުކުރެވޭ ފޯމުތަކެއް ފުރުނު ކަމަށް އިއުތިރާފުވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ފޯމުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ހިނގި ކަމެއް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ އޭޕްރިލް މަހު ވިދާޅުވީ، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ނުފޫޒު ފޯރުވައިގެން ޕީއެންސީއަށް މީހުން ވައްދައިފައިނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރިނަމަ, އެ ޕާޓީގައި މިހާރު 90،000 އަށްވުރެ ގިނަ މީހުން ތިބޭނެ ކަމަށެވެ.