ޑައިނަސޯތައް ދައްކުވައިދޭ ބޮޑު ފްރެންޗައިޒްއެއް ކަމަށްވާ ޖުރެސިކް ވޯލްޑްގެ އާ ފިލްމުގެ މިސްރާބު ހުރީ ހީވެސް ނުކުރާވަރުގެ ބޮޑު ހިޓަކާ ދިމާލަށް ކަމަށް ލަފާކޮށްފިއެވެ.
ދާދިފަހުން ދައްކަންފަށާފައިވާ ޖުރެސިކް ވޯލްޑްގެ އާ ފިލްމު "ޖުރެސިކް ވޯލްޑް: ރީބާތު" ޕްރިމިއާ ކޮށްފައިވަނީ އިއްޔެއެވެ.
ހަފުތާ ބަންދުގައި ފިލްމު ދައްކަން ފަށާއިރު ހަފުތާ ބަންދުގައި އެކަނިވެސް މި ފިލްމަށް އެމެރިކާއިން އެކަނި 127.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއާއެކު ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ފިލްމަށް ޖުމްލަ 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ސްކާލެޓް ޖޮހޭންސަނާއި ޖޮނަތަން ބެއިލީ ލީޑުން ފެންނަ އާ ޖުރެސިކް ވޯލްޑް ފިލްމުގެ ޓްރެއިލާތަކުން އެތައް ބަޔަކު ވަގުތުން ފިލްމަށް ޝައުގުވެރިވިއެވެ.
މި ފިލްމުގެ ޓްރެއިލާގައި ފެންނަނީ އެންމެ ފަހުގެ ފްރެންޗައިޒްގެ ހާދިސާތަކަށް ފަހު ޑައިނަސޯތައް ބޭރަށް އާންމުވެ އެއާ ގުޅިގެން ކަންތައްވާ ގޮތެވެ.
ޖުރެސިކް ވޯލްޑްގެ ފުރަތަމަ ފިލްމުތައް ނެރެން ފަށާފައިވަނީ 90ގެ އަހަރުތަކުގައި ޖުރެސިކް ޕާކްގެ ނަމުގައެވެ. ކާމިޔާބު ތިން ފިލްމަށްފަހު އަނެއްކާ ވެސް ފްރެންޗައިޒް އަލުން ރީބޫޓްކޮށްފައިވަނީ 2015ވަނަ އަހަރެވެ.
ބްރައިސް ޑެލަސް ހަވާޑް އަދި ކްރިސް ޕްރެޓް އެކީގައި ފެނުނު މި ފްރެންޗައިޒްގެ ފުރަތަމަ ރީބޫޓް ނިންމާލާފައިވަނީ ތިން ފިލްމަށް ފަހު 2022ވަނަ އަހަރެވެ. ޖުރެސިކް ވޯލްޑް "ޑޮމިނިއަން"ގެ ނަމުގައި ފްރެންޗައިޒްގެ ރީބޫޓްގެ ތިންވަނަ ފިލްމު ނެރުނެވެ. އެއީ، އެ އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.