އީސީގެ މެންބަރުކަމުން އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރި މުހައްމަދު އާސިފް: އީސީގެ މެންބަރުކަމުން އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ވަނީ ނިންމައިފައި -- ފޮޓޯ/ ޕީއެސްއެމް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުން މުހައްމަދު އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ޚިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުތަކާ އެކު އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި އާސިފް ވަކިކުރަން މަޖިލީހުން ފާސްކުރީ ނޮވެންބަރު 25ގައެވެ. މަޖިލީހުން އާސިފް ވަކިކުރީ 68 މެންބަރުންގެ ވޯޓާ އެކުގައެވެ.

އާސިފުވަނީ މި މައްސަލަ ރިވިއުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފައެވެ.

އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ:

  • މަގާމުން ވަކިކުރީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުން ބަލައިގަންނަ އުސޫލުތަކާ ނެޗުރަލް ޖަސްޓިސްގެ ހަމަތަކުން ބޭރުން ކަމަށް ކަނޑައަޅައިދިނުމަށް
  • ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށް ކަނޑައަޅައިދިނުމަށް
  • އެ ކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް
  • ވަކީލެއްގެ އެހީތެރިކަން ހޯދަންޖެހުމުގެ ސަބަބުުން އެ ކަމަށް ކުރަންޖެހުނު ޚަރަދު ހޯދުމަށް

ކޯޓުން ބުނީ ގާނޫނު އަސާސީގެ 177ވަނަ މާއްދާގައި ބުނާފަދަ ހާލަތެއް އީސީގެ މެންބަރަކަށް މެދުވެރިވެއްޖެ ކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެންނަނަމަ، އެ މެންބަރަކު ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ.

މި ހާލަތުގައި ކޯޓުން އެ މައްސަލަ ބެލުމަކީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މަޖިލީީހުން ނިންމާފައިވާ ނިންމުމަކަށް، ގާނޫނު އަސާސީއާ ޚިލާފަށް ޗެލެންޖު ކުރުމުގެ ފުރުސަތު ދިނުން ކަމަށްވާއިރު، އެ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.

އެހެން ކަމުން ކޯޓުން ހުކުމް ކުރީ އެ ޖުޑީޝަލް ރިވިއު ހުށަހަޅާފައިވާ ގޮތަށް، ކޯޓަށް އެ މައްސަލަ ބަލައި ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.

https://sun.mv/199488

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ރިޔާސީ އިންތިޚާބުގައި އީސީގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން ނަޝާތު ވަނީ އެޕްލިކޭޝަންތައް ހަދައި، އެ އެޕްލިކޭޝަންތައް ވިއްކައި، އަދި ބައެއް ސިޔާސީ ޕާޓީތަކަށް ވެސް ދީފައެވެ. މި ކަމުގައި އާސިފްގެ ބައިވެރިވުން ވެސް އޮތް ކަމަށް އެ ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް