ދިވެހިރާއްޖެއިން ބާނާ ކަނޑުމަސް، ޗައިނާއިން ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ބެޗު ތައްޔާރުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މަހުން ދަޅުމަސް އުފައްދާފައިވަނީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑް ކުންފުނިން ކަމަށެވެ.
އެ ކުންފުންޏަކީ ޗައިނާގައި 2008ގައި އުފައްދައި، މޫދުވިނައާއި ބޯވައާއި ބޯވަދިލަ މަހުން އުފެއްދުންތައް ތައްޔާރުކޮށް، ވިއްކުމަށް މަޝްހޫރުވެފައިވާ ކުންފުންޏެއް ކަމަށްވާ ޗިންޖެންގް ފުޑްސްގެ ސަބްސިޑަރީއެކެވެ. އެގޮތުން ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސްއަކީ އެމެރިކާއާއި ކޮރެއާއަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހުއްދަ ލިބިފައިވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެއެވެ.
ޝިޔާމް ވަނީ، އެ ކުންފުނިން ދިވެހި ކަނޑުމަސް ކާމިޔާބު ކަމާއެކު ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ތައްޔާރުކޮށްފައިވާތީ މަރުހަބާ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސާމްޕަލްތައް ވަނީ ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު، ފަޒީލް ނަޖީބަށް ދައްކާލައިފައެވެ.
މިއީ ޗައިނާއާއެކު ރާއްޖޭން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާއަށް އެތެރެ ކުރުމުގައި އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.
މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ތަފާތު ދާއިރާތަކަށް ފުޅާކޮށް، އައު މާކެޓްތައް ހޯދައި، އަދި ދެމެހެއްޓެނިވި، މަތީ ފެންވަރުގެ މަހުގެ އުފެއްދުންތައް ދުނިޔޭގެ ފެންވަރުގައި މަޝްހޫރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއީ ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި ސަރަހައްދީ އެއްބާރުލުމަށް ލިބުނު ފަޚުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހެވެ.
އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ. އެހެން އޮއްވައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މި ސަރުކާރުން މިއަހަރުގެ ޖަނަވަރީ އެކަކުން ފެށިގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން އެ ދުވަހު ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ރަނގަޅުވެ އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކުރެވޭ މުދާ އިތުރުކުރެވި، މުދަލުގެ އަގުހެޔޮވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އަދި އިންވެސްޓްމެންޓްތައް އިތުރު ކުރެވޭނެ ކަމަށެވެ. އަދި ވިޔަފާރީގެ އައު ފުރުސަތުތައް އިތުރުވެ، އެއްގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާރުވެސް ރާއްޖެއިން އެ ގައުމާއެކު ކުރަމުންދާ ވިޔަފާރީގެ މުއާމަލާތަކަށް 700 މިލިއަން ޑޮލަރު އަރައެވެ.
އޭގެ ފަހުން މި އަހަރުތެރޭ އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ އަބަދު ވެސް ހުންނަނީ މިދިޔަ އަހަރަށްވުރެ ދަށްކޮށެވެ. ފިނޭންސް މިނިސްޓްރީން މި ފަހުން އާންމުކުރި ތަފާސްހިސާބެއްގައިވާ ގޮތުން ޖޫން 12އާ ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 1.23 ބިލިއަނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16 ޕަސެންޓުގެ ދަށްވުމެކެވެ.
އެ ބަދަލާ އެފްޓީއޭއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިދިޔަ ފެބްރުވަރީ މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.