ހުރިހާ ކުލަބެއްގެ ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށް ފޯމު ހުށަހަޅައިފި

އެފްއޭއެމް ރައީސްކަމުގެ ކެންޑިޑެންސީ ފޯމު ޓޮމް ހުށައަޅުއްވަނީ---

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކު އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމަށް އަހްމަދު ތާރިގު (ޓޮމް) ކެންޑިޑެންސީ ފޯމު މިއަދު ހުށައަޅައިފިއެވެ.

އެފްއެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމަށް ޓޮމް ފޯމު ހުށައަޅާފައިވަނީ އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއްގެ ތާއީދާއެކު އެވެ. އެއީ ޖުމުލަ 23 ކުލަބެވެ. މިއީ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި ރިކޯޑެކެވެ.

ޓޮމް ހުށަައަޅާފައިވާ އެކްސްކޯ މެންބަރުން:
1- ރައީސް: އަހްމަދު ތާރިޤް
2- ސ. ވީޕީ: އަލީ އިބްރާހިމް (ނިއު)
3- ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)
4- ވީޕީ: މުޖުތަބާ ޖަލީލް (ނިއު)
5- އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)
6- މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)
7- އަޙްމަދު އައްބާސް (ޓީސީ)
8- އަލީ ރިޒްވާން (ބީޖީ)
9- އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
10 އަންހެން މެންބަރު: ހައްވާ ރަޝީދާ
11- އަބްދުﷲ ނާސިޙް (އޮޑި)

އިންތިހާބަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިއްސާ ކުރަން ޖެހެ އެވެ.

އެހެންކަމުން ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ, އަދި އެފަދަ މައްސަލަތަކުގެ ޝަރީއަތްތައް މިހާރު ވެސް ހިނގަމުން އަންނަ, އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިތުރު ދައުރަކަށް ކުރިމަތި ނުލެވޭނެއެވެ.

ހުރިހާ ކްލަބެއްގެ ތާއީދާ އެކު ކުރިމަތިލުމުން ދެން އިތުރު ކެންޑިޑޭޓަކަށް ފުރުސަތެއް ނެތެެވެ. އެހެންކަމުން މި އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލާނެ ހަމައެކަނި ކެންޑިޑޭޓަކަށް ޓޮމް ވާނެއެވެ.

އެފްއޭއެމް އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މިއަދެވެ. ކަންކަން ފުރިހަމަކުރަން ދޭ ފަހު މުއްދަތު ހަަމަވާނީ އަންނަ މަހުގެ 13 އަށެވެ.

comment ކޮމެންޓް