ދަނޑުވެރިކަމުގައި އައު ގޮތްތައް ހޯދަން ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަނާ މަޝްވަރާކޮށްފި

މިނިސްޓަރު މާރިޔާ އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލާ ބައްދަލުކުރެއްވުން: އެ ބައްދަލުކުރެއްވުމުގައި ވަނީ ދަނޑުވެރިކަމުގެ ގިނަ ގޮތްތަކާ ގުޅޭ މަޝްވަރާތައް ކުރައްވާފައި --- ފޮޓޯ/ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ

ދަނޑުވެރިކަން ކުރުމުގައި އައު ގޮތްތައް ހޯދުމާ ގުޅޭގޮތުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ ޑިރެކްޓާ ޖެނެރަލް، ޗޫ ޑޮންގްޔޫއާ މަޝްވަރާކުރައްވައިފިއެވެ.

އެފްއޭއޯގެ 44ވަނަ ޖަލްސާގެ ހަވާސާގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމާ ގުޅުން ހުރި ގިނަ ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން، ދަނޑުވެރިކަމުގައި ޑިޖިޓަލް ހައްލުތަކާއި އައު ގޮތްތައް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެ ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ތޮއްޑޫ ކަރާ ދަނޑެއް: އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލާ މިނިސްޓަރު މާރިޔާ ވަނީ ދަނޑުވެރިކަމުގެ އެކި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައި --- ސަން ފައިލް ފޮޓޯ

މަޝްވަރާކުރި އިތުރު ކަންކަމަކީ:

  • ރަށުގައި އުފައްދާ ތަކެތިން ސުކޫލު ކުދިންނަށް ރަނގަޅު ކާނާ ފޯރުކޮށްދިނުމާއި މައިންނާއި ކުޑަކުދިންގެ ކެއުމުގެ ރަނގަޅު އާދަތަކަށް ބާރުއަޅާ މަސައްކަތްތަކަށް އެހީވުން
  • ހައިޑްރޮޕޯނިކްސްއާއި ވަޓިކަލް ފާމިން ކުރިއެރުވުމާއި މޫސުމާ ރައްޓެހި ޓެކްނިކްތަކާއި މަސްވެރިކަމާއި އެކުއަކަލްޗާގެ ކާނާ ކުރިއެރުވުމަށް
  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމުތައް ރަނގަޅު ކުރުމާއި ކެއުމުގެ ރަނގަޅު އާދަތަކާ ބެހޭ މައުލޫމާތު ދިނުން
  • ދެމެހެއްޓެނިވި ގޮތެއްގައި ޕެސްޓް ކޮންޓްރޯލް ކުރުމާއި ޕެސްޓިސައިޑް ނައްތާލުމާއި ކުނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް
  • ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ސިޔާސަތުތަކާ ބެހޭ ލަފާދިނުން ފަދަ މުހިންމު ދާއިރާތަކުގެ މާހިރުން ހޯދައި، އެކަކާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުން.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ރާއްޖޭގެ 10 އަހަރުގެ ދަނޑުވެރިކަމުގެ މާސްޓަ ޕެލޭނެއް އެކުލަވާލުމަށް މަޝްވާރަކޮށްފައެވެ.

https://sun.mv/201135

ދަނޑުވެރިކަމުގެ ގިނަ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރިއިރު، މި ސަރުކާރުގެ ސިޔާސަތަކީ ދަނޑުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި ފުޅާކުރެވޭ ސިނާއަތަކަށް ހެދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ޖަނަވަރީ މަހުގައި ވިދާޅުވެފައެވެ.

comment ކޮމެންޓް