ގައިނީންނާއި އެންޑޯ ސްޕެޝަލިސްޓުން ތަފާތު، ރަނގަޅު ފަރުވާއެއް ބޭނުންވޭ: އެންޑޯ ކޮމިއުނިޓީ

އައިޖީއެމްއެޗް ކުރިމަތި: ގައިނީންނާއި އެންޑޯ ސްޕެޝަލިސްޓުން ތަފާތުކަމަށާއި ރަނގަޅު ފަރުވާއެއް ބޭނުންވާކަމަށް އެންޑޯ ކޮމިއުނިޓީން ބުނެފި -- ފޮޓޯ/ މާނިއު މުހައްމަދު

އަންހެނުންގެ ބަލިތަކަށް ޚާއްސަ ގައިނިކޮލޮޖިސްޓުންނާއި، އަންހެނުން ތަހަންމަލްކުރާ ބައްޔެއްކަމަށްވާ އެންޑޯމިޓްރިއޯސިސް ސްޕެޝަލިސްޓުން ތަފާތު ކަމަށާއި މި ބައްޔަށް ރަނގަޅު ފަރުވާއެއް ރާއްޖޭން ބޭނުންވާކަމަށް އެންޑޯ އެޑްވޮކޭޓް ސަޕޯޓް ކޮމިއުނިޓީން ބުނެފިއެވެ.

އެންޑޯމެޓްރިއޯސިސްއަކީ އަންހެނުން ތަހަންމަލްކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަނޑުގައި ރިއްސުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ. މި ބަލީގައި ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ރަހިމުގައި ހުންނަ ޓިޝޫ ރަހިމުން ބޭރުގައި އުފެދުމެވެ. މި ބައްޔަށް ދާއިމީ ޝިފާއެއް ނުވާއިރު، ބަލީގެ އުނދަގޫތަކުން ސަލާމަތްވުމަށް އޮޕަރޭޝަންތަކެއް ކުރަންޖެހޭ ފަހަރު ދިމާވެއެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވަނީ، ސިއްހީ ޚިދުމަތްތައް ލިބިގަތުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަޖިލީހުން ކޮށްދެވޭނީ ކޮންކަންތައްތަކެއްކަން ބެލުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެންސްޕާއާއި އާސަންދަ ކުންފުނީގެ ބޭފުޅުން އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

https://sun.mv/208071

މި ކޮމިޓީގައި ވަނީ އެންޑޯ އެޑްވޮކޭޓް ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ކުޑޫއަށް ފޮނުވާފައިވާ ސިޓީއެއްގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މިދިޔަ އަހަރު އައިޖީއެމްއެޗްގައި އެންޑޯމެޓްރިއޯސިސްއަށް ޚާއްސަ ކްލިނިކެއް ހުޅުވިކަން ފާހަގަކޮށް މި ސިޓީގައި ވަނީ، އެންޑޯމެޓްރިއޯސިސްގެ ސްޕެޝަލިސްޓެއް މި ކްލިނިކުގައި ނުބަލާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެެ. އަދި އާސަންދަ ހަމަޖެހިފައިވާ ބޭރުގެ ގިނަ ހޮސްޕިޓަލްތަކުގައި ވެސް މި ބަލީގެ ސްޕެޝަލިސްޓުން ނުތިބޭކަމުގެ ކަންބޮޑުވުން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މި ސިޓީގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް އަލިއަޅުވައިލައްވައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓާ ޑރ. އައިމިނަތު ޒައިބާ އަހްމަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެ ބައްޔަށް ޚާއްސަ ކްލިނިކްގައި އެންޑޯމެޓްރިއޯސިސްގެ މައްސަލަތައް ބެލި ނަމަވެސް، ސްޕެޝަލިސްޓެއް ނުހުންނަ ކަމަށެވެ. ސަބަބަކީ މި ބަލީގައި ސްޕެޝަލިސްޓުން ނުތިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގައި ދެކެވުނު ވާހަކަތަކާ ގުޅިގެން އެންޑޯ އެޑްވޮކޭޓް ސަޕޯޓް ކޮމިއުނިޓީން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ވަނީ، އެބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމު ރައްޔިތުން އަދި މިކަމާ ގުޅޭ ސިޔާސަތުތައް ކަނޑާއަޅުއްވާ ބޭފުޅުންނަށް ސައްހަ ނޫން މައުލޫމާތު ލިބިފައި ވާކަމަށެވެ.

"އަދި ކުރިއަރާފައިވާ މިޒަމާނުގައި އެންޑޯމެޓްރިއޯސިސް ބަލީގެ ފަރުވާއާ ގުޅިގެން ހެދިފައިވާ ދިރާސާތަކަށާއި މި ބަލީގެ މާހިރުން ކެނޑިނޭޅި ފޯރުކޮށްދެމުންދާ މައުލޫމާތަށާއި، ފަރުވާ ހޯދާފައިވާ ބަލިމީހުންގެ ހާލަތަށް ރިއާޔަތް ނުކޮށް ރައްޔިތުންގެ މަޖިލީހަށާއި މީޑިއާގެ ޒަރީއާއިން އާންމު ރައްޔިތުންނަށް ބަލީގެ ނުރަނގަޅު މައުލޫމާތު ދިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ފާހަގަކުރަން،" އެންޑޯ އެޑްވޮކޭޓް ސަޕޯޓް ކޮމިއުނިޓީ

މި ބަލި ހުންނަ މީހުންނަކީ ބައެއް ހާލަތުގައި އެމަޖެންސީ ފަރުވާ ބޭނުންވާ ބައެއްކަމުގައި ވާއިރު، އައިޖީއެމްއެޗުގައި ހުންނަ ކްލިނިކުން ޚިދުމަތްދެނީ ހަފުތާއަކު އެންމެ ދުވަހެއްގައިކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މި ބައްޔަކީ އެކި ގުނަވަންތަކަށް ފެތުރި ބަލި މީހާއަށް ސީދާ އަސަރު ކުރާ ބައްޔެއްކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ، މި ބަލީގެ ފަރުވާ ގައިނިކޮލޮޖިސްޓުންނަށް ދެވޭނެ ކަމަށް ބައެއް ޑޮކްޓަރުން އަދިވެސް ގަބޫލުކުރާ ކަމަށެވެ.

އެންޑޯމެޓްރިއޯސިސްގެ ފަރުވާގެ ގޮތުގައި ގުނަވަން ނެގުން ހުއްޓައިލުމަށް ސިއްހީ މާހިރުން ލަފާ ދީފައި ވާއިރު، ރަހިމާއި އޯވަރީ ފަދަ ގުނަވަންތައް ނަގައި މިއީ ހައްލެއް ކަމަށް ބުނެދިނުން ރާއްޖޭގައި ވެސް ކުރިއަށް ދާކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެެ.

އެންޑޯމެޓްރިއޯސިސް ސްޕެޝަލިސްޓުންގެ އަމާޒަކީ ގުނަވަންތައް ނެގުން ނޫންކަމަށާއި އެމީހުންގެ އަމާޒަކީ ބަލި ފެތުރިފައިވާ ޓިޝޫތައް ނައްތާލުން ކަމަށް އެންޑޯ އެޑްވޮކޭޓް ސަޕޯޓް ކޮމިއުނިޓީން ބުނެފައި ވެއެވެ.

މި ޖަމިއްޔާއިން ވަނީ، އެންޑޯމެޓްރިއޯސިސް ސްޕެޝަލިސްޓުން ކޮމާޝަލައިޒް ކުރުމާއި ބަލިމީހާގެ ވޭނަށް ލިބޭ ލުޔަކީ ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރުން ހުއްޓައިލުމަށް އިލްތިމާސްކޮށްފައެވެ.

"ފާހަގަކޮށްލަންވީ އެންޑޯމެޓްރިއޯސިސް ސްޕެޝަލިސްޓުންނަކީ ހަމައެކަނި ފަރުވާއެއްގެ ގޮތުގައި އެކްސިޝަން ސާޖަރީ ކުރާބައެއް ނޫންކަމެވެ. [އެއީ] ބަލިމީހާގެ އެންޑޯމެޓްރިއޯސިސް ފެތުރިފައިވާ މިންވަރު ދެނެގަނެ 'އިންޑިވިޖުއަލް ކެއާ' ދިނުމަށް ތަމްރީނު ކުރެވިފައިވާ ބައެއް،" އެންޑޯ އެޑްވޮކޭޓް ސަޕޯޓް ކޮމިއުނިޓީ

މި ބަލި ތަހަންމަލްކުރާ މީހުންނަށް ރަނގަޅު ފަރުވާއާއި އެކަށީގެންވާ މަލްޓި ޑިސިޕްލިނަރީ ފަރުވާ ހަމަޖައްސައިދިނުމަށް އެ ޖަމިއްޔާގެ ފަރާތުން ސިއްހީ އިދާރާތަކަށާއި ސިޔާސަތު ކަނޑައަޅާ ބޭފުޅުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް