ލޯންޗެއް ކޮންޓްރޯލްނުވެ ތިނަދޫ ޖެޓީގައި ޖެހި، ހަތަރު މީހަކަށް އަނިޔާވެއްޖެ

ތިނަދޫ ފެރީ ޓާމިނަލް ޖެޓީގައި ޖެހި، އެކްސިޑެންޓުވި ލޯންޗު: އެކްސިޑެންޓުގައި ވަނީ ހަތަރު މީހަކަށް އަނިޔާވެފައި --- ފޮޓޯ/ ކްރޭޒީ މޯލްޑިވްސް

ލޯންޗެއް ކޮންޓްރޯލްނުވެ, ސިޓީގެ ފެރީ ޓާމިނަލް ޖެޓީގައި ޖެހި މިއަދު އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ 13:50 ހާއިރު ކަމަށެވެ.

ލޯންޗުގައި ތިން އަންހެނުންނާއި އެއް އަހަރުގެ ތުއްތު ކުއްޖަކާއި ކެޕްޓަނާއި ފަޅުވެރިން ހިމެނޭހެން ހަ މީހަކު ދަތުރުކުރިއެވެ.

އެކްސިޑެންޓުގައި އަނިޔާވީ ލޯންޗުގައި ތިބި 25 އަހަރުގެ އަންހެނަކާއި 28 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ކެޕްޓަނާއި 29 އަހަރުގެ ފަޅުވެރިޔާއަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނަށް ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާނުކުރި ނަމަވެސް ފުލުހުން އަންނަނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ ވަނީ، ޅ. މަޑިވަރު އެއާޕޯޓު ކައިރިން ވެސް ލޯންޗަކާއި ޑިންގީއެއް ޖެހި، ތިން މީހަކަށް އަނިޔާވެފައެވެ.

comment ކޮމެންޓް