ޕިކަޕެއް ފުރޮޅާލައި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓްގައި ޕިކަޕު ފުރޮޅާލައިފައި: ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލެ އާއި މާލެ ގުޅުވާލަ ދޭ ބްރިޖާ ގުޅިފައި އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބޮޑު ޕިކަޕެއް މިއަދު ފުރޮޅާލައިފިއެވެ.

މިއަދު މެންދުރު ހިނގި މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ, ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް, ޑިވައިޑާތަކުގައި ޖެހި ޕިކަޕު ފުރޮޅާލައިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ކޮންޓްރޯލުން ނެއްޓި ޕިކަޕު ވަނީ ކާރެއްގައި ވެސް ޖެހިފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި ޕިކަޕު ދުއްވަންއިން މީހާ ހިމެނޭ ގޮތަށް އެއްވެސް މީހަކަށް އަނިއްޔާއެއް ނުވެއެވެ.

ނަމަވެސް ފުލުހުން ބުނީ ފުރޮޅާލި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެ ޕިކަޕު އެ ސަރަހައްދުން ނެގުމުގެ މަސައްކަތް ކުރަމުންދާއިރު ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓްގައި ޕިކަޕު ކޮންޓްރޯލުން ނައްޓައިގެން ގޮސް ޖެހުނު, މަގުގެ މެދުގައި ހުރި ޑިވައިޑާތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ވެރިރަށް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ވަރަށް އާއްމު ކަމެކެވެ. އެފަދަ އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލުމުގެ އިތުރުން ވަރަށް ބޮޑެތި އަނިޔާތައް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް