މޫދުގައި ހިނގާ ހާދިސާތަކުގައި މަރުވާ ފަތުރުވެރިން އަހަރުން އަހަރަށް އިތުރު، 5 އަހަރުތެރޭ 112 މަރު

ޑައިވަރުންތަކެއް: މޫދުގައި ހިނގާ ހާދިސާތަކުގައި މަރުވާ މީހުން އަހަރުން އަހަރަށް އިތުރުވިއިރު 5 އަހަރުތެރޭ 112 މީހުން މަރުވި --- ފޮޓޯ/ ސަން

މޫދުގައި ހިނގާ އެކިއެކި ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރު އިތުރުވާ ކަމަށާއި ވޭތުވެދިޔަ ފަސް އަހަރުތެރޭ އެފަދަ ހާދިސާތަކުގައި 112 މީހުން މަރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި މިއަދު އޮތީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވައިލަންޖެހޭ ގަވާއިދުތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ މަޝްވަރާކުރުމެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން މޫދުގައި މަރުވާ މައްސަލައާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެ ކޮމިޓީގައި މެންބަރު ކުޑޫ ވަނީ 2020ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މޫދުގައި ހިނގި ހާދިސާތަކުގެ ސްޓެޓިސްޓިކްސް ހާކުރައްވައިފައެވެ. އެއިން އެނގޭ ގޮތުގައި އެ މުއްދަތުގައި މޫދުގައި ހިނގާ އެކިއެކި ހާދިސާތަކުގައި 112 މީހުން މަރުވިއެވެ. އެގޮތުން:

  • ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދުގައި ޖެހި މަރުވުން: 01 މަރު
  • ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދުގައި ޖެހި އަނިޔާވުން: 09 ހާދިސާ
  • ގެނބިގެން މަރުވުން: 68 މަރު
  • ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވުން: 42 މަރު
  • މޫދަށް ވެއްޓި މަރުވުން: 01 މަރު

ތަފާސްހިސާބުތައް ދައްކާ ގޮތުން އެއް އަހަރުން އަނެއް އަހަރަށް ދާއިރު އެފަދަ މަރުތައް ވަނީ އިތުރުވެފައެވެ. އެ ގޮތުން، ފަސް އަހަރުތެރޭ ގެނބިގެން މަރުވި ހާދިސާތަކުގެ ޓްރެންޑަށް ބަލާއިރު:

  • 2020: 03 މަރު
  • 2021: 13 މަރު
  • 2022: 12 މަރު
  • 2023: 19 މަރު
  • 2024ގެ އޮކްޓޫބަރު މަހުގެ ނިޔަލަށް: 21 މަރު

ޑައިވިން އަދި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މީހުން މަރުވެފައިވާ ހާދިސާތަކުގެ ޓްރެންޑަށް ބަލާއިރު:

  • 2020: 06 މަރު
  • 2021: 05 މަރު
  • 2022: 10 މަރު
  • 2023: 08 މަރު
  • 2024ގެ އޮކްޓޫބަރު މަހުގެ ނިޔަލަށް: 13 މަރު

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވައިލަންޖެހޭ ގަވާއިދުތަކާ ހަރުދަނާކުރުމަށް މިއަދުގެ ކޮމިޓީގައި މެންބަރުން ވަނީ މިނިސްޓްރީ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި، މިނިސްޓްރީން ވަނީ އެކަމުގެ ފިޔަވަޅުތައް ހަރުދަނާކުރައްވާނެކަމުގެ ޔަގީންކަން ވެސް އަރުވައިފައެވެ.

comment ކޮމެންޓް