ޓްރާންސްޕޯޓްގެ ޕޯޓަލް ތައްޔާރުކުރަން ޕްރައިވެޓް ކުންފުންޏަކަށް ދިން މައްސަލަ ބަލައިދޭން އެދެފި

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން: ޓްރާންސްޕޯޓްގެ ޕޯޓަލް ތައްޔާރުކުރަން ޕްރައިވެޓް ކުންފުންޏަކަށް ދިން މައްސަލަ ބަލައިދޭން އެދެފި -- ފޮޓޯ/ މަޖިލީސް

ސަރުކާރުގެ ވުޒާރާއެއްގެ މުހިންމު ޚިދުމަތްތަކާއި މައުލޫމާތުތައް ހިމެނޭ ޕޯޓަލެއް ތައްޔާރުކުރުމަށް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލައިދޭން އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތްތަކެއް އެއް ޕޯޓަލްއަކުން ދިނުމަށް، އެ ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މެންބަރު ކުޑޫ 'ސަން'އަށް ވިދާޅުވީ ސަރުކާރުގެ ޕޯޓަލްތައް ފަދަ 'ވަންގަވް' އަދި 'އީފާސް' މުހިންމު ޚިދުމަތްތައް ލިބޭ ޕޯޓަލްތައް ހުއްޓައި، އެ ފަދަ ޕޯޓަލެއް ހެދުމަށް ޕްރައިވެޓް ކުންފުންޏަކަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އަދި ސަރުކާރުގެ މުހިންމު މައުލޫމާތުތައް އެކުލެވޭ ޕޯޓަލެއް ތައްޔާރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ކަނޑައަޅާފައިވާ އަސާސްތަކުގެ ތެރެއިން ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) -- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން 'ޑިޖިޓަލް ޓްރާންސްފޮމޭޝަން'ގެ އިންގިލާބީ ބަދަލަކަށް އަސާސްތައް އެކަށައެޅުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ބޭއްވި ޖަލްސާގައި ހޯމް މިނިސްޓްރީން ހުށަހެޅި ކަރުދާހުގައި ވަނީ:

  • ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި މައުލޫމާތު ފަސޭހަކަމާއެކު ހިއްސާކުރެވޭނެ 'އިންޓަ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް' ގާއިމުކުރުން.
  • އެކަމަށް މަގުފަހިކޮށްދިނުމަށް 'ސިންގަލް ސޯސް އޮފް ޓްރޫތް'ގެ ގޮތުގައި ރަޖިސްޓްރީތައް އެކަށައަޅައި، ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.
  • ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ގައުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުން.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަސާސްތައް ކަނޑައަޅުއްވާފައިވަނިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލަކުން ދޭން ދިވެހި ކުންފުންޏަކާ ހަވާލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ޓްރާންސްޕޯޓްގެ ޚިދުމަތްތަކަކީ ގިނަ ރައްޔިތުންތަކެއްގެ ދިރިއުޅުމާއި ގުޅުންހުރި ޚިދުމަތްތަކެއް ކަމަށާއި، ވޭތުވެދިޔަ ތަނުގައި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގު އެކި މަންފާތައް އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މާޒީއެއް އޮތް މިނިސްޓްރީއެއް ކަމަށް ވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއެއް މެދުވެރިކޮށް ބައްލަވައިދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އަހަރުގެ ޖަނަވަރީ މަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ، މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލެއްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަމީން އިއްޔެ "ސަން"އަށް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، މިނިސްޓްރީގައި ރަނގަޅަށް ހިނގާ އައިޓީ ޑިޕާޓެމެންޓެއް ނެތް ކަމަށާއި އެ ޑިޕާޓްމެންޓް މެދުވެރިކޮށް އައު ޕޯޓަލްގެ މަސައްކަތް ކުރެވެން ނެތުމުން އެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުގައި މިނިސްޓްރީން ހިންގަމުން އައި ޕޯޓަލް އޮތީ ވަރަށް ގިނަ ބަޔަކަށް ވަދެވޭ ގޮތަށް، ރައްކާތެރިކަމެއް ނެތި ކަމަށެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏެއް މިނިސްޓަރު ވިދާޅުނުވި ނަމަވެސް "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏަކާއެވެ.

ކުރީ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ދޫކުރުމުގައި، އޮންލައިން ނިޒާމުގެ ބެކްއެންޑުން ގޯސްތައް ހަދައި، ފޭކު ޑޮމެއިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ފެންމަތިއެވެ. އެފަދަ މައްސަލަތަކާ ގުޅިގެން ކުރީ ސަރުކާރުން ޑޮމެއިން ދޫކުރުން ހުއްޓުވައިފައި ވަނިކޮށް، މި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ޑޮމެއިން ސެޓްފިކެޓުތައް ދޫކުރަން ފަށައިފައެވެ.

comment ކޮމެންޓް