ކުލަބުތަކުގެ ތާއީދު ޓޮމްއަށް އޮތްތޯ ޔަގީން ކުރަނީ

އެފްއޭއެމްގެ ރައީސްކަމަށް އަހުމަދު ތާރިގު ވަނީ ކުރިމަތިލައްވާފައި --

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު އަޙްމަދު ޠާރިޤު (ޓޮމް) އަށް ތާއިދު އޮތްތޯ ޔަގީންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެފްއޭއެމުން މި މަސައްކަތް ފަށާފައިވާއިރު، އިލެކްޓޯރަލް ކޮމިޓީން އިއްޔެ ވަނީ މިކަން ބަޔާންކޮށް ކުލަބުތަކަށް ސިޓީ ފޮނުވާފައެވެ. މި ސިޓީގައި އެދިފައިވަނީ އެކްސްކޯއަށް ތާއީދު އޮތްކަން ބުދަދުވަހުގެ ކުރިން ޔަގީން ކޮށްދިނުމަށެވެ.

އެފްއޭއެމުގެ އިންތިހާބުގައި ޠާރިޤާއި ވާދަކުރަން އެއްވެސް ކެނޑިޑޭޓަކު ނެތްއިރު ޖުމްލަ 23 ކުލަބެއްގެ ތާއިދު އޭނާއަށް ވަނީ ލިބިފައެވެ. މިއީ އެފްއޭއެމްގެ މެމްބަރު ހުރިހާ ކުލަބެކެވެ.

ޠާރިޤު ހުށަހަޅާފައިވާ އެކްސްކޯގައި ތިން ނައިބް ރައީސުން ތިބެއެވެ. އެއީ ނިއުރޭޑިއަންޓަށް ނިސްބަތްވާ ވެމްކޯގެ މުޖުތަބާ ޖަލީލް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ނިއުރޭޑިއަންޓް ވައިސް ޗެއާމަން އަލީ އިބްރާހީމް އާއި ކުރިން ވެސް އެފްއޭއެމުގެ ނައިބް ރައީސްކަން ކުރި މާޒިޔާގެ ހުސައިން ޝާފިއު (ކޮއްކީ) އެވެ.

މި އެކްސްކޯގައި ދެން ހިމެނެނީ ޓީސީގެ އަހުމަދު އައްބާސް އާއި ބީޖީގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ނާސިހު އާއި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމަށް ކުޅުނު މުހައްމަދު އުމޭރެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ހައްވާ ނަސްރާ ސައީދާއި ހައްވާ ރަޝީދާ އެވެ.

އެފްއޭއެމުގެ އިންތިހާބީ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

comment ކޮމެންޓް